ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީގެ މުވައްޒަފުންނަށް އިމާރާތްކުރާ ފްލެޓުގެ މަސައްކަތް ކުރިއަށްގެންދާ މިންވަރު ލަސްކަމުން ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، 85 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެދިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެޗްޑީސީ އާއި އެމްޓީސީސީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 24،000 އަކަފޫޓުގެ ބިމެއްގައި 15 ބުރީގެ ދެ ޓަވަރު އިމާރާތް ކުރަން ނިންމައި އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 2018ގައެވެ.
އެ މަޝްރޫއުގެ ދަށުން ޖުމުލަ 400 ފްލެޓް ހަދަން ނިންމި އިރު، ކޮންމެ ޓަވަރެއްގައިވެސް އެއްކޮޓަރީގެ 80 ފްލެޓާއި ދެ ކޮޓަރީގެ 60 ފުލެޓާއި 1+2 ކޮޓަރީގެ 60 ފްލެޓް ހިމެނެއެވެ.
ސިންގަޕޫރުގެ އާރުއައި އިންޖިނިއަރިން ވާކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެ މަޝްރޫއުއަށް ޖުމުލަ 390 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭރު އެމްޓީސީސީން ބުންޏެވެ.
ކުންފުނިތަކުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިއަދު ހެނދުނު ވަނީ އެމްޓީސީސީގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރަށް، މަސައްކަތް ކުރިއަށްގެންދަންޖެހޭ ސްޕީޑުގައި ކުރިއަށް ނުގެންދެވޭތީ، ކުންފުނީގެ ބޯޑުގެ މަޝްވަރާގެ މަތިން އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ.
އޭރު މަޝްރޫއުގެ ދަށުން ނިމިފައި އޮތީ އެންމެ 7.5 ޕަސެންޓް ކަމަށާއި އެއްބަސްވުން ބާތިލު ކުރުމަށްފަހު، ސައިޓް ހުސްކުރަން ދިން މުއްދަތުގައި އެ ކުންފުނިން އެކަންކޮށް ނިންމާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
"ވަރަށް ދިގު މުއްދަތެއް ނަގައިގެން މިދިޔައީ ކޮންޓްރެކްޓް ބާތިލުކުރަން. ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރުގައި ކޮންޓްރެކްޓަރަށް ނިންމިފައި މިވަނީ 7.5 ޕަސެންޓުގެ މަސައްކަތް. ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ދީފައިވާ ޕްރޮޖެކްޓެއް މިއީ. ނަމަވެސް އެ ބޭފުޅުންނަށް އެ ފައިނޭންސް ރެއިޒް ނުކުރެވިގެން މި ޕްރޮޖެކްޓު މި ހިސާބަށް ކޮންޓިނިއު ނުވެގެން މިދިޔައީ. ވަރަށް ވަގުތު ނެގި އެ ކޮންޓްރެކްޓް ރަނގަޅަށް ކެންސަލް ކުރުމަށް،" އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއަށް 20 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ކޮންޓްރެކްޓް ބާތިލުކުރި އިރު، ނިމިފައި ވަނީ ފައުންޑޭޝަންގެ މަސައްކަތް ކަމަށެވެ. އަދި މަޝްރޫއުގެ ސަބަބުން ކުންފުންޏަށްވީ ގެއްލުމުގެ ބަދަލު ހޯދަން މިހާރު ހުށަހަޅާފައިވާ ކަމަށްވެސް ބުންޏެވެ.
"އެމްޓީސީސީގެ ފަރާތުން މިހާރު ލޮސަސް އެންޑް ޑެމޭޖަސްގެ ގޮތުގައި ކަލްކިޔުލޭޓު ކުރެވިފައިވާ 85 މިލިއަން ރުފިޔާ ކްލެއިމެއް ރެއިޒް ކުރެވިފައި ވަނީ. ވަރަށް ސަބްޖެކްޓިވް އެއްޗެއް. އަޅުގަނޑުމެންނަށް ކޮންޓްރެކްޓާގެ ފަރާތުން އެޔަކަށް އެއްވެސް ރެސްޕޮންސެއް ލިބިފައެއް ނުވޭ. ޑިސްޕިއުޓް ކޮށްފައިވެސް،" އެ ކުންފުނިން ބުންޏެވެ.
އޭގެ އިތުރުން އެ ޕްރޮޖެކްޓަށް ކުންފުނިން ދޫކުރި އެޑްވާންސް ފައިސާގެ ތެރެއިން 13.6 މިލިއަން ރުފިޔާ ރިކަވާ ނުވާތީ، އިންޝުއަރެންސް ކުންފުންޏަށް ހުށަހެޅުމުން ރިޖެކްޓުކޮށްފައިވާ މައްސަލަވެސް ކޯޓުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.