ނޭޕާލުގެ ކޯޗު އަބްދުލް އަލް މުތައިރީ ރާއްޖޭގައި ހުރެ ގައުމީ ޓީމުގެ ކޯޗުކަމުން ވަކިވާން ނިންމި ނަމަވެސް، އަނެއްކާވެސް އެމަގާމުގައި ކުރިއަށް ދާން ނިންމައި، ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ މުތައިރީ އިސްތިއުފާ ދިނުމަށްފަހު އަލުން މަގާމާ ހަވާލުވި ދެވަނަ ފަހަރެވެ. މުތައިރީ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ނޭޕާލުގެ މީޑިއާއާ ނުރުހުން ވެ، ވަރަށް ބޮޑަށް މީޑިއާތަކަށް ފާޑު ކިޔުމަށްފަހު ބުނެފައި ވަނީ މުބާރާތަށްފަހު އެ ގައުމުގެ ކޯޗުކަން ދޫކޮށްލާނެ ކަމަށެވެ. މުތައިރީ ކުރިންވެސް އެފަދަ ގޮތަކަށް ނޭޕާލް ކޯޗުކަމުން އިސްތިއުފާ ދިނެވެ. ފެޑަރޭޝަނާ ކުނިތަކެއް ޖެހި، މިއަހަރު ޖުލައި މަހުގެ ތެރޭގައި ކުއްލި ގޮތަކަށް، އެންމެން ހައިރާން ކޮށްލާފައި މުތައިރީ ނޭޕާލުގެ ކޯޗުކަން ދޫކޮށްލާފައިވާއިރު، އެކަން ކުރެވުނު ގޮތަށް މައާފަށް އެދި މުތައިރީ އެފަހަރުވެސް އަލުން ކޯޗުކަމާ ހަވާލިވިއެވެ.

މިފަހަރު އަލުން ކޯޗުކަމާ ހަވާލުވެ މުތައިރީ ބުނެފައި ވަނީ އެގައުމުގެ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އަލުން ދިޔައީ ފެޑަރޭޝަންގެ ރައީސް ކަރްމާ ސެރިންގެ ޝެރްޕާއާ ވާހަކަ ދެކެވިގެން ކަމަށެވެ. އެ ނިންމުން ނިންމައި އަލުން ނޭޕާލުގައި މަޑުކުރުމުގެ ފުރުސަތަށް މުތައިރީ ވަނީ ނޭޕާލުގެ ސަޕޯޓަރުންގެ އިތުރުން ގަތަރުގެ ފެޑަރޭޝަނަށްވެސް ޝުކުރު އަދާކޮށްފައެވެ.

"އާ ވިސްނުމަކަށް މަރުހަބާ ކިޔަން. ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ނޭޕާލްގެ ފުޓުބޯޅަ ޕްލޭނާއި ޓާގެޓްތައް ވަރަށް އަވަހަށް އިއުލާން ކުރާނަން. ޔަގީންކަން ދޭން ބޭނުންވަނީ ނޭޕާލުގެ ފުޓުބޯޅައަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން. އެހެން ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް އަހަންނަށް ނޭޕާލް ސަޕޯޓަރުން ދޭ ލޯބި މުހިއްމު. އެ ސަޕޯޓަރުންގެ ހިތްތަކުގައި ތާ އަބަދަށް އަހަންނަށް އޮތް ލޯބި ދަމަހައްޓަން ބޭނުން،" ކޯޗުކަމާ ހަވާލު ވެ މުތައިރީ ބުންޏެވެ.

މުތައިރީ ނޭޕާލް ގައުމީ ޓީމާއެކު ނެރޭ ނަތީޖާތަކުން އެގައުމުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އޭނާއަށް ތައުރީފު ކޮށްފައެވެ. އަލުން ނޭޕާލް ކޯޗުކަމާ ހަވާލުވާން މުތައިރީ ނިންމި ނިންމުމާއެކު މިހާރުވެސް ގިނަ ސަޕޯޓަރުން އަންނަނީ އޭނާއަށް ޝުކުރު އަދާކުރަމުންނެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި އިންޑިއާ އަތުން ނޭޕާލް ބަލިވެ ތަށީގެ އުފަލުން މަހުރޫމުވި ނަމަވެސް އެއީ މުތައިރީއަށް ދަށް ނަތީޖާއަކަށް ނޫނެވެ. މިފަހަރަކީ ސާފްގެ ފައިނަލަށް ނޭޕާލް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އޭގެ އިތުރުން ޒުވާން ކުޅުންތެރިން ގައުމީ ޓީމަށް ނެރެ، ނޭޕާލްގެ ފުޓުބޯޅަ އެޓޭކިން ފުޓުބޯޅައަކަށް މުތައިރީ ބަދަލުކޮށްލި ބަދަލުކޮށްލުމަކީ ސަޕޯޓަރުން އޭނާއަށް ލޯބި ދޭ ސަބަބުތަކެވެ.