ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް "ބީއެމްއެލް ރިވޯޑްސް" ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއް އިފުތިތާހުކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތައާރަފުކުރި އެ ޕްރޮގްރާމަކީ ދުނިޔޭގެ 55 ގައުމެއްގައި މިހާރުވެސް ލޯޔަލްޓީ ޕްރޮގްރާމް ހިންގަމުން އަންނަ ގިފްޓް އާ ގުޅިގެން ބީއެމްއެލުން ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރި ޕްރޮގްރާމެކެވެ.

ބީއެމްއެލުން ބުނީ، އެކުންފުނީގެ ރިވޯޑްސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓްސް ލިބޭނެ ކަމަށެވެ.

އެގޮތުން ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން 900 އަށް ވުރެ ގިނަ އެއާލައިނާއި 650،000 ހޮޓެލާއި ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ ފާހަގަކޮށްލެވޭ އިތުރު ބްރޭންޑުތަކުގެ ގިފްޓް ކާޑުވެސް ގަތުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.

މި ޕްރޮގްރާމުގައި ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓާކާޑުގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފު ކުރެވޭ އެންމެ ފުރިހަމަ ލޯޔަލްޓީ ޕްރޮގްރާމް ތައާރަފު ކުރެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި އެ ޕްރޮގްރާމް މެދުވެރިކޮށް ކާޑު ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ހިދުމަތްތަކުގެ އިތުރުން ކްރެޑިޓް ކާޑުން ލިބޭ ގިނަގުނަ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ކްރެޑިޓް ކާޑަކީ ރާއްޖެ އާއި ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރި ކުރަން ބޭނުން ކުރެވޭނެ ކާޑެއް. މި ލޯޔަލްޓީ ޕްރޮގްރާމް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް މި ފާއިތުވި ދުވަސްތަކުގައި އަޅުގަނޑުމެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން. އަދި އަޅުގަނޑު އެދެނީ ވީހާވެސް ގިނަ ކަސްޓަމަރުން ބީއެމްއެލް ރިވޯޑްސްގެ ފައިދާ ހޯދަމުން ދިޔުން،" ސޯޔާ ވިދާޅުވިއެވެ.