އިންޑިއާ ސަރުކާރާއެކު މިދިޔަ ފެބްރުއަރީ މަހު ހެދި އުތުރު ތިލަފަޅު (ޔޫޓީއެފް)ގެ އެއްބަސްވުމާ ގުޅޭ ގޮތުން "ދިޔަރެސް" ނޫހުން ހޯދަން އެދުނު މައުލޫމާތު އެނޫހާ ހިއްސާކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމައިފިއެވެ.
ގައުމީ ސަލާމަަތަށް ނުރައްކާވާނެ ކަމަށް ބުނެ ޔޫޓީއެފްގެ މައުލޫމާތު ހާމަކުރަން ޑިފެންސް މިނިސްޓްރީން މީގެ ކުރިން ދިޔައީ ދެކޮޅު ހަދަމުންނެވެ.
އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން "ދިޔަރެސް" އިން ހޯދަން އެދުނު މައުލޫމާތުތައް ނުދީގެން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން، އެ އޮފީހުން އެ މައްސަލަ ބެލުމަށްފަހު މިމަހުގެ 14 ގައި ވަނީ އެ މައުލޫމާތު ހަތް ދުވަސް ތެރޭގައި ހާމަކުރުމަށް ޑިފެންސް މިނިސްޓްރީއަށް އަންގައިފައެވެ. ނަމަވެސް މިއަދަށް ހަތް ދުވަހުގެ މުއްދަތު ހަމަވިއިރުވެސް އެ މައުލޫމާތު ޑިފެންސުން ހިއްސާކޮށްފައެއް ނުވެއެވެ.
"ދިޔަރެސް" ނޫހުގެ އޮފިޝަލަކު "ވަން" އަށް ބުނީ އެނޫހުން ހޯދަން އެދުނު މައުލޫމާތު މި ހަފުތާގެ ތެރޭގައި ހާމަކުރާނެ ކަމަށް ޑިފެންސް މިނިސްޓްރީން އެ ނޫހަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ތާރީހެއް ނުބުނެއެވެ.
ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކުވެސް ވަނީ "ދިޔަރެސް" ނޫހުން ހޯދަން އެދުނު މައުލޫމާތު އިންފޮމޭޝަން ކޮމިޝަނާ ހިއްސާ ކުރަން ނިންމާފައިވާ ކަން ކަށަވަރުކޮށްދީފައެވެ.
ޔޫޓީއެފްގެ އެއްބަސްވުމުގެ ދަށުން ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް އިންޑިއާއިން އެތަނުގައި ތަރައްގީ ކުރާނެއެވެ. ޔޫޓީއެފްގެ އެއްބަސްވުން ސިއްރު ކުރާތީ އިދިކޮޅު ޕީއެންސީ/ޕީޕީއެމުންވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބެވޭނެއެވެ. ނަމަވެސް އިދިކޮޅުގެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށް، އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ބުނެފައެވެ.
ޔޫޓީއެފް އެއްބަސްވުމުގެ މައުލޫމާތު "ދިޔަރެސް"އާ ހިއްސާކުރަން ޑިފެންސް މިނިސްޓްރީން ނިންމާފައިވާއިރު އެ އެއްބަސްވުން ޑިފެންސުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށްވެސް ހިއްސާކޮށްފައެވެ. އެކޮމިޓީގެ މެންބަރުންވެސް ވަނީ އެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތެއް ނެތް ކަމަށް ބުނެފައެވެ.