ރައްޔިތުންނަށް މުހިންމުވާ ކިތަންމެ ކުޑަކަމެއްވިޔަސް މި ސަރުކާރުން ނުކޮށް ދޫކޮށްނުލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ރައްޔިތުންގެ އަޑު އަހަން މި ސަރުކާރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހުންނެވީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ރާއްޖެއަކީ އުތުރާއި ދެކުނުގައި ހިމެނޭ ހުރިހާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ، ހުރިހާ ރައްޔިތުންގެ ރާއްޖެއެއް ކަމަށާއި އެގޮތުން ހިދުމަތްތަކުގެ ފަސޭހަކަން ލިބެން ޖެހޭނީ މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކަމަށެވެ.
މިއަދު ފެންނަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ހިންގުން ހަރުދަނާ ވެގެންދާއިރު ސަރުކާރުން ހުރިހާ ރައްޔިތުންނާ ހަމައަށް ހިދުމަތްތައް ފުޅާކޮށް، ފުރިހަމަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މަންޒަރު ކަމުގައި ފާހަގަކުރައްވައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ތައުލީމީ ނިޒާމު ފުރިހަމަކުރުމަށްޓަކައި ކްލާސްރޫމްތައް އެޅުމާއި އާ ސްކޫލުތައް އެޅުމުގެ މަސައްކަތްތައް ކުރެވޭ ކަމަށާއި އޭގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި މަގުތައް ހެދުމާއި މިހެންގޮސް ތަފާތު އެކި މަސައްކަތްތައް މުޅި ރާއްޖެއިން މިއަދު ފެނިގެންދާނެ ކަމަށެވެ.
ފުވައްމުލަކު ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފަށާފައިވަނީ އެ ސިޓީގައި މިދިޔަ ޖަނަވަރީ މަހު ހިނގައިދިޔަ ހިތާމަވެރި ހާދިސާއެއްގައި މީހެއްގެ ފުރާނަ ގެއްލިދިއުމާ ގުޅިގެން އެ ސިޓީގެ ރައްޔިތުންގެ އެދުމާއެކު ރައީސް ސޯލިހު އެކަން ކޮށްދެއްވުމަށް އެއްބަސްވެވަޑައިގަތުމުންނެވެ. އެ މަސައްކަތް ކުރަނީ އެމްޓީސީސީގެ ސީއެސްއާރުގެ ދަށުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު