ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް 260 އަށްވުރެ ގިނަ އާއިލާ އެހީއަށް އެދިފައިވާ ކަމަށް ހިޔާ ފްލެޓުތައް ލިބުނު ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، އާންމުންގެ އެކުވެރި ގުޅުން (އޭއީޖީ)އިން ބުނެފިއެވެ.
އޭއީޖީގެ ފައުންޑަރެއް ކަމަށްވާ މިދުއަމް ސައުދު މިއަދު "ވަން" އަށް މިރޭ ވިދާޅުވީ، ހިޔާ ފްލެޓުތައް ނިންމަން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން 260 އަށްވުރެ ގިނަ އާއިލާއަކުން އެހީއަށް އެދިފައިވާ ކަމަށާއި އެމީހުންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މިދުއަމް ވިދާޅުވީ، އެހީއަށް އެދިފައިވާ އާއިލާތަކަށް އެހީވާނީ އެ ފަރާތްތަކުގެ ހާލަތު ބެލުމަށް ފަހު ކަމަށާއި އެގޮތުން 120-150 އާ ދެމެދުގެ މީހުންގެ ވެރިފިކޭޝަން ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހީ ހޯދުމުގެ މަސައްކަތް އޭއީޖީން ކުރިއަށްގެންދަނީ އެހީ ޖަމިއްޔާއާ ގުޅިގެންނެވެ. އެހީ ޖަމިއްޔާގެ ދައުރަކީ އެހީގެ ގޮތުގައި ލިބޭ ފައިސާ ބެލެހެއްޓުމެވެ.
މިދުއަމް އިތުރަށް ވިދާޅުވީ، އެ ޖަމިއްޔާއިން ބެލި ބެލުމުން ހިޔާ ފްލެޓުގެ އެއްވެސް މަސައްކަތެއް ކުރެވޭނެ ފަދަ މާލީ ތަނަވަސްކަން ނެތް 20-30 އާއިލާ އެބަތިބި ކަމަށާއި އެމީހުންގެ ފްލެޓުތައް ނިންމަންވެސް ތިން މިލިއަނެއްހާ ރުފިޔާ ބޭނުންވާނެ ކަމަށެވެ.
މިދުއަމް ވިދާޅުވިގޮތުގައި ހިޔާ ފްލެޓެއް ނިންމުމަށް 100،000 ރުފިޔާ އާއި 130،000 ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު