ދެހާސް ފަންސަވީސް ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓިއުބާކިއުލޯސިސް (ޓީބީ) ބަލި އެއްކޮށް ނައްތާލުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.

ޓީބީ ބައްޔާ ގުޅޭ ގޮތުން ދެކުނު އޭޝިއާގެ ގައުމުތަކުން މިއަދު ބޭއްވިި ހައިލެވެލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި ޓީބީގެ ކޭސްތައް ފެންނަ މިންވަރު މަދު ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ރާއްޖެއިން ފެނިފައިވަނީ ޓީވީގެ 107 ކޭސް ކަމަށާއި އެއީ އުންމީދު ކުރި ވަރަށް ވުރެ ދެބައިކުޅަ އެއްބައި މަދު އަދަދެއް ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2025 ވަނަ އަހަރު ނިމޭއިރު ރާއްޖެއިން ޓީބީ ބަލި އެއްކޮށް ނައްތާލުން ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް މިހާރުވެސް ބައެއް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ ޓާގެޓް ޓައިމްލައިނަށްވުރެވެސް އަވަހަށް އެ އަމާޒަށް ވާސިލު ވެވޭނެ،" ނަސީމް ވިދާޅުވިއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން ވަނީ 2030 ވަނަ އަހަރު އަންނަންވާ އިރަށް އެގައުމުތަކުން ޓީބީ ބަލި ނައްތާލުމަށް އަމާޒު ހިފައިފައެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 1966 ވަނަ އަހަރުން 2020ގެ ނިޔަލަށް ރާއްޖޭގައި 12،500 ވުރެ ގިނަ މީހުންނަށް ޓީބީ ޖެހިފައިވެއެވެ.

ޓީބީއަކީ މައިކްރޯ ބެކްޓީރިއަމް ޓިއުބާ ކިއުލޯސިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. ޓީބީއަކީ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށްވެސް ޖެހިދާނެ ބައްޔެކެވެ. އެގޮތުން އެ ބަލި ފުއްޕާމެއަށް ޖެހުމުން ފުއްޕާމޭ ފެޅި ލޯވަޅުތައް އުފެދި، ބަލިމީހާ ކެއްސާއިރު އަންނަ އަރިދަފުސްއާ އެކުވެގެން ލޭ އަންނަން ފަށައެވެ. ޓީބީއަކީ ފުރާނައަށްވެސް ނުރައްކާ ކުރާ ބައްޔެކެވެ.