އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގްރޫޕް ސީގައި ކުޅެން އޮތް އަފްގާނިސްތާނުގެ ޒުވާން ގައުމީ ޓީމަށް ބަހުރެއިނަށް ނުދެވި ކޮލިފިކޭޝަން މެޗުތައް ގެއްލޭނެ ކަމަށް އެގައުމުގެ ފެޑަރޭޝަނުން ބުނެފިއެވެ.
އަފްގާނިސްތާނުގެ 23 އަހަރުން ދަށުގެ ޓީމަށް ބަހުރެއިނަށް ނުދެވޭނެ ކަމަށް މީޑިއާތަކަށް އަންގާފައިވާ އިރު، އެގައުމުގެ ފެޑަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޮލިފައިންގައި ބައިވެރިނުވެވުނީ މިވަގުތު އެގައުމުގެ ހާލަތު އޮތް ގޮތުން ކަމަށާއި، ބަހުރެއިނަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.
"އަފްގާނިސްތާންގެ 23 އަހަރުން ދަށުގެ ޓީމު ކޮލިފައިން މެޗުތަކަށް ފޮނުވުމަށް ފުޓްބޯޅަ ފެޑަރޭޝަނުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރި ނަމަވެސް، އަފްގާނިސްތާނުގެ ހާލަތު މިވަގުތު އޮތް ގޮތުން އެކަން ކާމިޔާބެއް ނުވި،" އަފްގާނިސްތާންގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަފްގާން ފެޑަރޭޝަނުން ބުނީ ގަތަރު އޮލިމްޕިކްސް ކޮމިޓީއާއެކު މަޝްވަރާކޮށްވެސް ބަހުރެއިނަށް ދިއުމަށް މަސައްކަތް ކުރި ކަމަށާއި، އަފްގާން ޓީމަށް ފުރަތަމަ މެޗު ގެއްލުމުން އޭއެފްސީން އެގައުމުގެ ދަތުރު މިހާރު ކެންސަލް ކޮށްފައިވާ ކަމަށެވެ.
"އަފްގާނިސްތާނާއި ގަތަރުގެ އޮލިމްޕިކް ކޮމެޓީއާ މަޝްވަރާކޮށް، ޓީމު ބަހުރެއިނަށް ފުރުވާލެވޭނެ އިންތިޒާމުތައް ހަމަޖެއްސުނު. އެކަމަކު ކޮލިފައިންގެ ފުރަތަމަ މެޗަށް ދަތުރު ނުކުރެވުމުން، އޭއެފްސީން ވަނީ ދަތުރު ކެންސަލްކޮށްފައި،" އަފްގާނިސްތާނުގެ ފެޑަރޭޝަނުން ބުންޏެވެ.
ގްރޫޕް ސީގައި އަފްގާނިސްތާނުން ފުރަތަމަ ކުޅެން އޮތް މެޗުގައި އިއްޔެ ނުކުންނަން އޮތީ ބަހުރެއިންއާ ދެކޮޅަށެވެ. ބަހުރެއިންއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އަފްގާނިސްތާނަށް ނުދެވުމުން އިއްޔެގެ މެޗު ބަހުރެއިނަށް ވަނީ ލިބިފައެވެ. އަފްގާނިސްތާނުގެ ޒުވާން ޓީމަށް ބަހުރެއިނަށް ނުދެވުމުން މިހާރު ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން ހިމެނޭނީ ބަހުރެއިނާއި އިރާގުގެ ޒުވާން ޓީމެވެ. ރާއްޖެއިން އިއްޔެ ފުރަތަމަ މެޗުގައި އިރާގާ ދެކޮޅަށް ކުޅެފައިވާ އިރު، އެ މެޗުގައި 4-0 އިން ރާއްޖެ ވަނީ ބަލިވެފައެވެ.