އެއްވެސް ހަރަދަކާ ނުލައި ދިރާގު ޓީވީ ގުޅައިލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ އަންނަ މަހުގެ 30ގެ ކުރިން ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ޑީކޯޑަރުވެސް ހިލޭ ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖު ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވައިލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް ތިނެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ސްޓާޓާ ޕެކޭޖުން މަތީ ކޮންމެ ޕެކޭޖެއް ނަގާ ފަރާތްތަކުގެ ތެރެއިން ހޮވައިލެވޭ ނަސީބުވެރި ދިހަ ފަރާތަކަށް ކަސްޓަމަރުގެ ޕެކޭޖުގެ ހަ މަސް ދުވަހުގެ މަހު ފީ މުޅިން ހިލޭ ލިބިގެންދާނެއެވެ.

ސަތޭކައަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސްޓާ ނެޓްވޯކުގެ ޑްރާމާ އަދި އެންޓަޓެއިންމަންޓް ޗެނެލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، މަގުބޫލު ފެކްޗުއަލް އެންޓަޓެއިންމަންޓް ޗެނަލްތައް ކަމަށްވާ ހިސްޓްރީ ޗެނަލް އަދި ޑިސްކަވަރީގެ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް އަދި އެޗުޖީޓީވީ ޗެނަލް، ހޮލީވުޑްގެ މަގުބޫލު ފިލްމު ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް، އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ، ޗެނަލްތަކުގެ އަދަދު އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސަންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު ފޯރުކޮށްދީފައެވެ.