ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުލަތުގެ މައްޗަށް 300 މިލިޔަން ޑޮލަރުގެ ދައުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށް ޖާބިރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދިޔަ 7000 ފްލެޓްގެ ހިޔާ މަޝްރޫއާ ގުޅިގެން ޖަރީމާތަކެއް ހިންގާފައިވާ ކަމަށްބުނެ އެކަން ތަހުގީގު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިގެން ބަހުސް ކުރަމުން އަންނަ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކޮށް ގެއްލުންދީފައި ވަނީ، ރައީސް ޔާމީނުގެ ނާއިބު ރައީސް ކަމާއި، ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަހުމަދު އަދިބާ އެކު ވައްކަން ނުކުރާނެ ކަމަށް ބުނުމުން ކަމަށެވެ.

"ޔޮޓް ޓުއާސް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ޔާމީން އެއްދުވަހު އިރު އެރިތަނުން އެކައުންޓް ފްރީޒް ކުރީމަ މިއަދު އަޅުގަނޑު އެބަ ޖެހޭ އަލިދޫ އާއި ވަޓަވައްރެހާ އާއި ހުރިހާ ރަށަކަށް، ޔޮޓް ޓުއާސްގެ މުޅި 30 އަހަރު ފުނޑައިލީ، އަދީބުއާއެކު އަހަރެން ވައްކަން ނުކުރާނަމޭ ބުނީމަ،" ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަގައި 300 މިލިޔަން ޑޮލަރުގެ ދައުވާއެއް ކުރަން އިއްޔެ ނިންމާފައި ވަނީ ޔޮޓްޓުއާސްގެ ބޯޑުން ކަމަށެވެ.

ދައުލަތުގެ ނިވާފަތްގަނޑުގައި ތިބެގެން މީހުން ކުރާ އެފަދަ ކަންތައްތަކާމެދު ޒިންމާ އުފުލާނީ ކާކުތޯވެސް ޖާބިރު ސުވާލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެއީ ހަމަ އެންމެ ކުންފުންޏަކަށް ދިމާވި މައްސަލައެއް ކަމަށާއި، އެފަދަ އެތައް ހާދިސާތަކެއް ދިމާވެފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ކަންތައް ވެސް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަން ފާހަގަ ކުރައްވައި، ޖާބިރު ވިދާޅުވީ މަސައްކަތް ކުރާ މީހުންގެ ފައިސާތައް ފޭރިގަނެ، ރައްޔިތުންގެ ލޭ ސަރުކާރުން ބޮމުން ގެންގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އެ ކަންތައްތަކުގައި ބައިވެރިވާ ފަރާތްތައް ދޫކޮށްގެން ނުވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން ދައްލާލު ކޮމިޓީއެއް ހަދައި އެމީހުންގެ މައްޗަށް އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެފަދަ މީހުން ހިފާ ހައްޔަރު ކުރަންވީކީ ނޫން މިމަޖިލީހުގައި ދައްލާލު ކޮމިޓީ އުފަންކޮށް ބަން، ގާނޫނު އަސާސީގައި މިހާރު އޮންނާނެ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް، ބަބަން އެއްމަސްދުވަހަށް އެކަން ތަންފީޒުކޮށް ޑަން ފިނިޝް ނިންމާލަން ވީ،" ޖާބިރު ވިދާޅުވިއެވެ.