ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފުލެޓުތައް ދޫކުރުމަށް ސަރުކާރުން ކަނޑައެޅި އަގުތައް އޮޅުވާލަން މަސައްކަތްކޮށް، އެކަމުގައި ބޮޑެތި ޖަރީމާތަކެއް ބަޔަކު ހިންގާފައިވާ ކަމަށް ބުނެ އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައި އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، އެމްޑީޕީގެ މެމްބަރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު ފަލާހު ވިދާޅުވީ، ރައްޔިތުންނަށް އަގު ހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި 7000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ހިޔާގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން، ފައިދާވާން އޮތް ކަމެއްގައި އެހެެން ގޮތަކަށް އަމަލު ކުރުމާއި މަކަރާއި ކޮރަޕްޝަން ހިންގާފައިވާކަން، އޮޑިޓް ރިޕޯޓުން އެގެން އޮންނަ ކަމަށެވެ.
އަދި ރައްޔިތުން ދިރިއުޅުމަށްޓަކައި ފުރިހަމަވާންޖެހޭ އަސާސީ ކަންކަން އެތަންތަނުގައި ފުރިހަމަކޮށްފައި ނެތުމާއި އެތަންތަނުގައި ދިރިއުޅެން ފަށާ ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ކަންކަން ހަމަޖައްސައި ދިނުމުގެ ބަދަލުގައި ގަސްތުގައި ހިންގާފައިވާ ނުވަތަ އިހުމާލުން އެކަމުގައި ހިންގާފައިވާކަންކަމުގެ ސަބަބުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދާއިމީ ގޮތެއްގައި ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެ ރިޕޯޓުގައި އަންދާޒާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ހިޔާ މަޝްރޫއު ހިންގާފައިވާ ގޮތާއި ހައުސިން ޔުނިޓުތަކުގެ އަގު ކަނޑައަޅާފައިވާ ގޮތާމެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އެ މަޝްރޫއު ހިންގާފައިވާ ގޮތާއި ފުލެޓްތަކުގެ އަގު ކަނޑައަޅާފައިވާ ގޮތް ދިރާސާކުރުމަށް ފަހު މިނިސްޓްރީ އޮފް ނެޝަލަން ޕްލޭނިންއާއި އެޗްޑީސީން އެ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށް ހާމަކުރި މައުލޫމާތުތަކަކީ ސައްހަ މައުލުމާތު ނޫން ކަމަށް ދެއްކުމަށް ހަގީގަތް އޮޅުވާލައި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދައިގެން ހަގީގަތް ފޮރުވަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ފަލާހު ވިދާޅުވިއެވެ.
އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އިތުރަށް ނުތަނަވަސްކަން އުފެދިފައި ވަނިކޮށް އެ މަޝްރޫއާ ގުޅިގެން ކަންކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު، ހައުސިން އުނިުތަކަށް ދޭންޖެހޭ ޖުމުލަ އަގު ކަށަވަރު ކުރުމަށްޓަކައި ހާއްސަ އެސެސްމެންޓެއް ހެދުމަށްފަހު ފުލެޓުތައް ދޭންޖެހޭ އަގާއި އެ ތަންތަނަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިސާބުކޮށް ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓެއް މިމަހު އޮޑިޓަރު ޖެނެރަލް ނެރުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެ ރިޕޯޓުގައިވާ މައުލޫމާތުތަކަށް ބަލައި އިރު، އެ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމާއި މަކަރާއި ހީލަތާއި ކޮރަޕްޝަނާއި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމާއި އެހެން މީހުންނަށް އެގޮތަށް ފައިދާ ހޯދައި ދިނުންފަދަ ބޮޑެތި ޖަރީމާތައް ހިންގާފައިވާކަން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުގައި ދިވެހި ދައުލަތާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ސީދާ ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާކަންވެސް އެ ރިޕޯޓުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ތެރެއިން ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމާމެދު އިތުރު ސުވާލު އުފައްދާނެ ތަނެއް އޮޑިޓް ރިޕޯޓުން އެގެން ނެތުމުން އެ ކަންތައްތަކާބެހޭ ފުރިހަމަ ޖިނާއި ތަހުގީގެއް ހިންގައި، ހާއްސަ އިސްކަމެއް ދީގެން އެ ޖަރީމާތައް ހިންގުމުގައި އިސްކޮށް ތިއްބެވި ފަރާތްތަކުގެ މައްސަލަަތައް ބަލައި ފިޔަވަޅު އެޅުމަށް މި މައްސަލައިގައި ވަނީ ގޮވާލައިފައެވެ.
މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 33 މެންބަރުންގެ ތެރެއިން 32 މެންބަރުން ވޯޓު ދެއްވައިގެންނެވެ.