އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލީ ސާލިމް އެކަނި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މަހުމޫދުގެ އާއިލާއިން ބުނެފިއެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. އިއްޔެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސާލިމާއެކު އިތުރު ބަޔަކު އެކަމުގައި ބައިވެރިވިކަން ފުލުހުންގެ ތަގުގީގަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މަހުމޫދުގެ ދަނބިދަރިފުޅު އަހުމަދު އިމާދު މިއަދު "ވަން" އަށް ބުނީ، ބައްޕަ މަރާލާފައިވަނީ ސާލިމް އެކަނި ކަމަށް ގަބޫލު ކުރަން ދަތި ކަމަށާއި އެކަމުގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ޒަމީރު ގަބޫލެއް ނުކުރޭ އެއީ އެކަކަށް ކުރެވިދާނެ ކަމެއް ކަމަށް. ފުލުހުން ތަގުގީގެއް ހިންގައި، އެއްޗެއް ބުނީމަ އެކަން ގަބޫލު ނުކުރާކަށްވެސް ނޫން. ބައްޕަ މަރާލައިފައިވާ އޮތް ގޮތާއި އެހުރިހާ އެއްޗަކަށް ބަލާއިރު އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އިތުރު ބައެއްގެ ބައިވެރިވުންވެސް އޮތް ކަމަށް،" އިމާދު ބުންޏެވެ.
އިމާދު ބުނީ ބައްޕަގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ސާލިމްއާ މީގެ ކުރިން އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށާއި ސާލިމްއަކީ ބަރާބަރަށް ނަމާދުކޮށް އުޅޭ މީހެއް ކަމަށެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުން އޭނާގެ އަތެއް ވާކަން މިހާރު ގަބޫލު ކުރެވޭ ކަމަށެވެ.
"ސާލިމްއަކާ އެއްވެސް ރުޅިވެރިކަމެއް އެކަހަލަ އެއްވެސް ކަމެއް މީގެ ކުރިން ނެތް. ސާލިމްއަކީ ބަރާބަރަށް ނަމާދުކޮށް އޭނާގެ ވަޒީފާ ވަރަށް ރަނގަޅަށް އަދާކުރަމުން އައި އަޅުވެރިއެއް. މީހެއްގެ ބޭރުފުށުން ނޭނގިދާނެ އެއީ ކިހާވަރެއްގެ މީހެއް ކަމެއް. ގަބޫލު ކުރަން އަދިވެސް ވަރަށް ދަތި. ނަމަވެސް ފުލުހުންގެ ތަހުގީގު އޮތް ހިސާބުން އާއިލާއަށް މިހާރު ގަބޫލު ކުރެވޭ އެކަމުގައި ސާލިމްގެ އަތެއް ވާކަން" އިމާދު ބުންޏެވެ.
އިމާދު ބުނީ ބައްޕަގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރާމެދު ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް ބައްޕަގެ މަރަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ކުރަން އުދަނގޫ ކަމަށެވެ. އެއީ ރާއްޖޭގައި މީގެ ކުރިންވެސް އެފަދަ މަރުތަކަށް ވެފައި ހުރި ގޮތާއި ފެންނަން އޮތް މަންޒަރުން ކަމަށްވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން އުންމީދެއް ނުކުރަން ބައްޕައަށް އިންސާފު ލިބޭނެ ކަމަކަށް. ނަމަވެސް ފުލުހުންގެ ތަހުގީގު ނިންމައި، މިކަމުގައި ޝާމިލްވާ އެންމެން ހާމަވެގެން ދިއުން އެއީ އާއިލާގެ އުންމީދަކީ،" އިމާދު ބުންޏެވެ.
އިމާދު އިތުރަށް ބުނީ ބައްޕަގެ މަރުގެ މައްސަލައިގައި ޝާމިލް ނުވާ އެއްވެސް މީހަކަށް އަދަބެއް ދިނުމަކީ އާއިލާއިން ބޭނުންވާ ކަމެއް ނޫން ކަމަށާއި ބަދަލު ހިފުމަކީވެސް އާއިލާއިން ކުރާނެ ކަމެއް ނޫން ކަމަށެވެ.
މަހުމޫދު ގެއްލުނު ރޭ ސާލިމް ދިރިއުޅުނު، ނެދުންގޭ ތެރެއިން އެރަށުގެ އަންހެނަކަށް އަޑެއް އިވިގެން ބެލިއިރު އެއްޗެއް ދަމައިފައި ގެންދާ ފަދަ މަންޒަރެއް ސިފަކުރެވުމުން އޭނާ ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން ސާލިމް ހައްޔަރު ކުރީ މަހުމޫދު މަރާލިތާ ދެ ދުވަސް ފަހުންނެވެ.
ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ނެދުންގޭ ތެރޭގައި ވަޅުލައިފައިވާ މަހުމޫދުގެ އައިޑީ ކާޑާއި ފޯނާއި ތަހުގީގަށް ބޭނުންވާ އިތުރު ހެކިތައް ވެސް ހޯދިފައިވާ ކަމަށެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި އެރަށުގެ މީހުން ފުރަތަމަ ތުހުމަތުކޮށްފައިވަނީ އއ. ތޮއްޑުއަށް ނިސްބަތްވާ ދެ މީހަކަށެވެ. ދަނގެތީ ރައްޔިތުން ނުކުމެ އެ ދެ މީހުން އަތުލައިގަނެ ފުލުހުންނާ ހަވާލުކުރުމުން ވަނީ އެމީހުން ގެންދިޔައީ އދ. މަހިބަދޫއަށެވެ. އެއީ އއ. ތޮއްޑުއަށް ނިސްބަތްވާ އަލީ ޖަމްޝާދު، (31) އާއި އޭނާއާ ދެބެންގެ ދެދަރި ޝާރިހް އަލީ (20) އެވެ.
މަހުމޫދުގެ މަރާއެކު ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުން އުފެދުމުން، އެ ދެ މީހުންނާއެކު އެއް ގެއެއްގައި އުޅުނު އަންހެނަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެ ފަހުން އެމީހުން ވަނީ އެހެން މައްސަލައެއްގައި ހައްޔަރުވެސް ކޮށްފައެވެ.
ނަމަވެސް ފުލުހުން އިއްޔެ ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 20 އަހަރުގެ ފިރިހެނެކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 21 އަހަރުގެ އަންހެނަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ދެ ފިރިހެނުން އިއްޔެ ދޫކޮށްލާފައިވާ ކަމަށާއި އަދި އަންހެން މީހާވެސް މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު