އިސްލާމީ ތާރީޚު

ރަޙުމަތުގެ ނަބިއްޔާ - އިންސާނީ ޙައްޤުތަކުގެ އެންމެ މަތިވެރި ދާޢީ 03

އަބްދުﷲ ފާރޫގް ހަސަން

(22 އޮކްޓޯބަރު ގެ އަދަދާ ގުޅޭ)

ގަސްތުގައި މީހަކު މަރައިފިނަމަ (ޤަތުލު ޢަމްދު) އެކަމާމެދުގައި އޮތީ ޤިޞާޞު ހިފުމެވެ. ޝިބްހު ޢަމްދަކީ ހިލައިން ނުވަތަ ލަޓީން މީހަކު މެރުމެވެ. އެކަމުގެ އަދަބަކީ ދިޔަ ދިނުމެވެ. މަރުގެ ދިޔައަކީ ސަތޭކަ ޖަމަލެވެ. އެއަށްވުރެ އިތުރުކުރުމީ ޖާހިލިއްޔަތުގެ ކަމެކެވެ. އޭ ޤުރައިޝުވަންހައިގެ މީހުންނޭވެ! ތިޔަބައިމީހުން މާތް اللّـه ގެ ޙަޟުރަތަށް ހާޒިރުވާއިރު ތިޔަބައިމީހުންގެ ބުރަކަށިތަކަށް ދުނިޔޭގެ ބަރު އެރުވިފައި އޮވެފައި އެހެންމީހުން އާޚިރަތް ބާއްޖަވެރި ކުރުމުގެ ސާމާނާއިގެން ހާޒިރުވާގޮތް ވިޔަނުދޭށެވެ. އޭ ޤުރައިޝުވަންހައިގެ މީހުންނޭވެ! ތިޔަބައިމީހުންގެ އަސްލެއް ނެތް ބޮޑާކަމާއި ކިބުރުވެރިކަން ވަނީ ވެއްޔާ އެކުވެފައެވެ. ތިޔަބައިމީހުން ކާބަފައިންގެ މޮޅުކަމުގެ ވާހަކައިން ފަޚުރުވެރިވުމަކަށް ކުޑަވެސް ޖާގައެއް ނެތެވެ.

އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ލެޔާއި ތިޔަބައިމީހުންގެ މުދާ ވަނީ ޤިޔާމަތާ ހަމަޔަށް އެކަކު އަނެކެއްގެ މައްޗަށް ޙަރާމްވެގެންނެވެ. ޙުރުމަތްތެރި ވެގެންނެވެ. މިމާތް މައްސަރުގެ މިމާތް ދުވަހުގެ ޙުރުމަތްތެރިކަން ތިޔަބައިމީހުންގެ މެދުގައި ޙުރުމަތްތެރި ކަމުގައި އެއްބަސްވެވި ގަބޫލުވެވިގެންވާ ފަދައިންނެވެ. ދާދިއަވަހަށް ތިޔަބައިމީހުން އެންމެން މާތް اللّـه ގެ ޙަޟުރަތަށް ހާޒިރު ކުރެއްވޭނެއެވެ. އެކަލާނގެ ތިޔަބައިމީހުންގެ ޢަމަލުތަކާމެދު ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެއެވެ.

ރިބާގެ ހުރިހައި ކާރުބާރެއް މިއަދުން ފެށިގެންވަނީ މަނާވެގެންނެވެ. ޝައްކެއްނެތެވެ. ތިޔަބައިމީހުންނަށް އަސްލު ރައުސުމާލު ކަމުގައިވާ އަދަދު އަތުލެވިދާނެއެވެ. އެގޮތުގައި ތިޔަބައިމީހުންނަކަށްވެސް އަނެކުންނަކަށްވެސް ގެއްލުމެއް ނެތެވެ. އަރަހުށި މާތް اللّـه ވަނީ މިގޮތް ކަނޑައަޅުއްވައިފައެވެ. އިސްލާމީ ޝަރީޢަތުގައި ރިބާއަކަށް އެއްވެސް ޖާގައެއް ނެތެވެ. އެންމެފުރަތަމަ އަހުރެން މިކަނޑައިލަނީ އަހުރެންގެ ބޮޑުބޭބެ عبّـاس بــن عـبـد المـطّـلـب ގެ ސޫދުތަކެވެ. ރިބާތަކެވެ.

ޖާހިލިއްޔަ ޒަމާނުއްސުރެ ދަޢުވާ ވެވުން އަންނަ ހުރިހައި މަރުގެދިޔަތަކެއް އަހަރެން ކަނޑައިލައިފީމެވެ. މާފުކޮށްފީމެވެ. މިކަމުގައިވެސް އަހުރެން މިފަށަނީ އަހުރެންގެ ޢާއިލާގެ ތެރެއިންނެވެ. އެންމެފުރަތަމަ އަހުރެން މިކަނޑައިލި ދިޔައަކީ ربـيـعــة بــن الحــارث بــن عـبـد المـطّـلـب ގެ ތުއްޕުޅު ދަރިކަލުން عامــر ގެ މަރުގެ ދިޔައެވެ. (އެދަރިކަލުން ޤަތުލުކޮށްލީ ހުޒައިލްވަންހައިގެ މީހުންނެވެ.)

ދަރަންޏަކީ އަދާކުރާންޖެހޭ އެއްޗެކެވެ. އަނބުރައި ދައްކަން އަތުލައިފައިވާ ކޮންމެ އެއްޗެއް ރައްދުކުރާން ޖެހޭނެއެވެ. ހަދިޔާގެ ބަދަލުގައި ހަދިޔާ ދިނުމަކީ އެދެވޭ ކަމެކެވެ. މީހެއްގެ ކަމަކާ ޖާމިނުވެފައިވާ މީހާ ބަދަލުދޭން ޖެހޭނެއެވެ.

ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ އަންހެނުންގެ ޙައްޤުތަކެއް ވާފަދައިން އެކަނބަލުންގެ މައްޗަށްވެސް ތިޔަބައިމީހުންގެ ޙައްޤުތަކެއްވެއެވެ. އެކަނބަލުން ތިޔަބައިމީހުންގެ ތަންމަތިތަކުގައި އެހެންމީހަކު ނުނިންދެވުމެވެ. ތިޔަބައިމީހުން ނުރުހޭ މީހުން ގެޔަށް ނުވެއްދުމެވެ. އެކަނބަލުން އެއްވެސްކަހަލަ ލަދުހުތުރުކަމެއް ނުކުރުމެވެ. އެފަދަ ކަމެއް ކޮށްފިނަމަ ތިޔަބައިމީހުން އެކަނބަލުންގެ ތަންމަތިތަކަށް އެކަނި ދޫކޮށްލާށެވެ. ނުވަތަ އަނިޔާ ނުވާގޮތަށް އެކަނބަލުންގެ ގައިގައި ޖަހާށެވެ. މާތް اللّـه ވަނީ މިކަން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފައެވެ. އެކަނބަލުން އެކަންކަމުން އެއްކިބާވެއްޖެނަމަ ތިޔަބައިމީހުންގެ ހައިސިއްޔަތާ އެއްގޮތަށް އެކަނބަލުންގެ ކެއިންބުއިމާއި ފޭރާމާއި ޚަރަދުބަރަދު ދިނުން ވަނީ ތިޔަބައިމީހުންގެ މައްޗަށެވެ. އެއީ ތިޔަބައިމީހުންގެ ޒިންމާއެކެވެ. އަންހެނުންގެ މައްސަލައިގައި ތިޔަބައިމީހުން اللّـه އަށް ބިރުވެތިވާށެވެ. އެބައިމީހުންނަށް ހެޔޮކޮށް ހިތާށެވެ. އެހެނީ އެކަނބަލުންވަނީ ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައެވެ. އެކަނބަލުންނަށް އަމިއްލަ އަމިއްލަޔަށް ކަންތައް ކުރެވޭގޮތަކަށެއް ނޫނެވެ. ތިޔަބައިމީހުން އެކަނބަލުން ލިބިގަތީ މާތް اللّـه ގެ އަމާނަތެއްގެ ގޮތުގައެވެ. ތިޔަބައިމީހުން އެކަނބަލުން ޙަލާލުކޮށްގަތީ އެކަލާނގެ އިސްމުފުޅުގެ މައްޗަށެވެ. ފިރިމީހާގެ މުދާ އޭނާގެ ހުއްދަޔާ ނުލައި އެހެންމީހަކަށް ދިނުމަކީ އަންހެނެއްގެ މައްޗަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.

އޭ މީސްތަކުންނޭވެ! އަހުރެންގެ ވާހަކަ އަޑުއަހާށެވެ! އަދި ވިސްނާށެވެ! ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އެއްވެސް މުސްލިމަކަށް އޭނާގެ މުސްލިމު އަޚާގެ މުދަލުން އޭނާ ހިތުން ރުހުމުން ދީފިއެއްޗެއް މެނުވީ ހިފައިގަތުން ހުއްދައެއް ނުވާނެއެވެ. ތިމާގެ އަމިއްލަ ނަފުސަށާއި އަނެކުންނަށް އަނިޔާވެރި ނުވާށެވެ.

އަދި އާނއެކެވެ! ތިޔަބައިމީހުންގެ އަޅުންގެ މައްސަލައެވެ. އެބައިމީހުންނަށް ހެޔޮކޮށް ހިތާށެވެ. ތިޔަބައިމީހުން ކާއެއްޗެއް އެއުރެންނަށްވެސް ކާންދޭށެވެ. ތިޔަބައިމީހުން ލައިއުޅޭ ފެންވަރެއްގެ ފޭރާން އެއުރެންނަށްވެސް ދޭށެވެ. ތިޔަބައިމީހުންނަށް މާފު ނުކުރެވޭވަރުގެ ކުށެއް އެއިން މީހަކަށް ކުރެވުނު ކަމުގައިވިޔަސް އެބައިމީހުންގެ ގައިގައި ތަޅައި އަނިޔާކޮށް ނަހަދާށެވެ. އެއުރެންގެ މިލްކުވެރިކަން ބަދަލުކޮށްލާށެވެ.

އޭ މީސްތަކުންނޭވެ! އަޑުއަހައި ކިޔަމަންވާށެވެ! ނޭފަތް ކަނޑައިލައިފައިވާ ޙަބަޝީ އަޅަކު ތިޔަބައިމީހުންގެ މައްޗަށް ވެރިކުރެވުނު ކަމުގައިވިޔަސް އެމީހަކަށް އަހައި ކިޔަމަންވާށެވެ. އެމީހަކު ތިޔަބައިމީހުންގެ މައްޗަށް މާތް اللّـه ގެ ފޮތް ޤާއިމުކުރާހައި ހިނދަކުއެވެ.

* * * * * * *

އަޅުގަނޑުމެން ވިސްނައިލައިފިނަމަ ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ މި ޚުޠުބާއަކީ ކީރިތި ޤުރްއާނާ ވިދިގެން އިންސާނީ ޙައްޤުތަކުގެ ދެވަނަޔަށް އެންމެއިސް އަދި ޙަޤީޤީ ޗާޓަރެވެ.

މި ޗާޓަރުގައިވަނީ އިންސާނީ ހަމަހަމަކަމުގެ އަސާސުތައް ހިމަނުއްވައިފައެވެ. ކުށްކުރުމުގެ ނަތީޖާއާ ކުރިމަތިލާން ޖެހުމެވެ. އަދަބު ލިބުމުގައި ހަމަހަމަވުމެވެ. އިންސާނީ ފުރާނައިގެ ހުރުމަތެވެ. އަނެކުންގެ ފުށުން ހުއްދަނޫން މަންފާ ލިބިގަތުންވަނީ މަނާކުރައްވައިފައެވެ. އެންމެންގެ ޖާނާއި މާލު ރައްކާތެރިކޮށްދެއްވައިފައެވެ. އަނެކަކު ކުރާ ކުށުގެ ޒިންމާ ތިމާ އުފުލަން ޖެހުމުން ސަލާމަތްކޮށްދެއްވައިފައެވެ. މިއީ އަންހެނުންގެ ޙައްޤުތަކާއި އަޅުންގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވުމުގެ އިޢުލާނެކެވެ. ސިޔާސީ ހަމަހަމަކަމުގެ ޔަގީންކަމެކެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم އިސްވެދެންނެވި ޙައްޤުތަކުގެ އަޑު އުފުލައިލައްވައި ހަމައެކަނި ކަރުދާސްކޮޅެއްގައި އެކަންކަން ލިޔެދެއްވީކީ ނޫނެވެ. އަދި ކީއްތޯއެވެ. އެކަންކަން ވަނީ ޙަޤީޤަތަކަށް ހައްދަވައިފައެވެ. އާރެއް ބާރެއްނެތް ބަލިކަށި މީހުން ބާރުވެރި ކުރައްވައިފައެވެ. ނިކަމެތީން ތުނޑު ސުފުރާއަށް އަތްހަމަކޮށްދެއްވައިފައެވެ. ކީރިތި ޤުރްއާނާއި ކައުސާހިބާގެ ޙަދީޘްފުޅުތައް އެ ޙައްޤުތައް ވަނީ ނުހަނު ތަފްސީލުކޮށް އަދި އެހައިމެ ޞަރީޙަކޮށް ބަޔާންކުރައްވައިފައެވެ. މުސްލިމުންގެ ޢިލްމުވެރީން ވަނީ ކީރިތި ޤުރްއާނާއި ޙަދީޘް އަސްލަކަށް ބައްލަވައިގެން ނުހަނު ފުރިހަމަ ޤާނޫނީ އޮނިގަނޑެއް ތައްޔާރުކުރައްވައި ފިޤުހު ފޮތްފޮތުގައި ބަޔާންކުރައްވައިފައެވެ. އޭގެ ދެވަނަ މިސާލެއް އެހެން އެއްވެސްތަނަކުން ފެނުމަކީ ނާދިރު ކަމެކެވެ. އިސްލާމްދީން އިންސާނީ ޙައްޤުތައް ގުޅުވައިފައިވަނީ ހުސްއެކަނި މިދުނިޔެއިން ކުރިމަތިލާންޖެހޭ ނަތީޖާތަކަކާ ނޫނެވެ. އެ ޙައްޤުތައް އަދާނުކޮށްފިނަމަ އާޚިރަތް ދުވަހުން އެކަމުގައި ޒިންމާވާން ޖެހޭނެކަންވެސް ވަނީ އަންގަވައިފައެވެ. އެކަންކަން އަދާކޮށްފިނަމަ އުޚުރަވީ ދަރުމައާއި ސަވާބު ލިބޭނެކަން އިޢުލާނު ކުރުމަކީ އިންސާނީ ޙައްޤުތަކާމެދު އިތުރަށް ފަރުވާތެރިކުރުވާ ކަމެކެވެ.
(مــولانـا خــالــد سيف اللّـه رحـمــانــى)

ޢަމަލީ ނަމޫނާ

ކައުސާހިބާ صلّــى اللّـه عليـه وسلّـم ދުނިޔެއަށް އުނގަންނައިދެއްވައިފައިވަނީ މޮޅެއް ދެރައެއް ބެލުމެއްނެތި އެއްހަމަޔަކުން އެންމެހައި އިންސާނުންގެ މައްޗަށް ޤާނޫނު ހިނގަންޖެހޭނެކަމެވެ. އިސްވެދިޔަ ޤައުމުތައް މަގުގެއްލި ހަލާކާ ކުރިމަތިލާންޖެހުނީ އެބައިމީހުން އެބައިމީހުންގެ ފުރަދާނައިންނާއި އަމީރުންނާއި ބޮޑުންގެ މައްޗަށް ޙައްދުތަކާއި ޤާނޫނުތައް ނުހިންގައި ނިކަމެތީންގެ މައްޗަށް ޙައްދުތައް ޤާއިމުކޮށް ޤާނޫނު ހިންގުމުގެ ސަބަބުންކަމެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ވަނީ ދެރަމީހުންނެކޭ އެއްފަދައިން މޮޅުމީހުންގެ މައްޗަށްވެސް ޤާނޫނު ހިންގެވުމުގެ މިސާލުތައް ދައްކަވައިފައެވެ. މިތާނގައި އަޅުގަނޑު ބަޔާންކުރާނީ އޭގެތެރެއިން އެންމެ މިސާލެކެވެ.

އާދެ، ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޙަޔާތްޕުޅުގައި فـاطمـة އެވެ ކިޔާ އަންހެނަކު ވައްކަންކުރިކަން ސާބިތުވިއެވެ. އޭނާއަކީ ޤުރައިޝުވަންހައިގެ ޤަދަރުހުރި ދަރިކޮޅެއް ކަމުގައިވާ މަޚްޒޫމުވަންހައިގެ އަންހެނެކެވެ. ވައްކަންކުރާ މީހުންނަށް އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙުކުމަކީ އަތްކެނޑުމެވެ. فـاطمـة ގެ ޤަބީލީ ޝަރަފަށްޓަކައި އޭނާގެ އަތް ނުކަނޑުއްވައި ދޫކޮށްލައްވާތޯ އިތުރު ސާހިބާގެ އަރިހުގައި ސަކާކުރެވުނެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އެކަމާ ނުހަނު ނުގަބޫލުފުޅުވެވަޑައިގެން ޙަދީޘްކުރެއްވިއެވެ. "މާތް اللّـه ގަންދެއްވައި ވިދާޅުވަމެވެ. فـاطمـة بـنت محمّد (صلّــى اللّـه عليـه وسلّـم) ވައްކަންކުރެއްވިކަން ސާބިތުވެއްޖެނަމަ އަހުރެން އެކަމަނާގެ އަތްޕުޅު ކަނޑާހުށީމެވެ." މި ތާރީޚީ އިޢުލާނު ވަނީ އިސްލާމީ ތާރީޚުގައި ރިކޯޑު ކުރެވިފައެވެ.

ޝައްކެއްނެތެވެ. މި ތާރީޚީ އިޢުލާނުގައި ބަޔާންކުރައްވާ އިންސާނީ ހަމަހަމަކަން ޤާއިމުކުރެއްވުމަކީ އެތަކެއް ހުރަސްތަކެއް ކުރިމަތިވި ކަމެކެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އެހުރިހާ ހުރަސްތައް ގިރާކުރައްވައި އެކަން ތަންފީޒު ކުރެއްވިއެވެ. މާތް اللّـه ގެ ތެދުވެރި ރަސޫލާގެ ކުރިފުޅުމަތީގައި ދެރަމީހެއް މޮޅުމީހެއްގެ ތަފާތެއް ނެތްކަން ސާބިތުކޮށްދެއްވިއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ މި ޞަރީޙަ އުނގަންނައިދެއްވުމަށް الخـلفـاء الـرّاشــدون ވަނީ ފުރިހަމަޔަށް ޢަމަލު ކުރައްވައިފައެވެ. (މުޙައްމަދު ފަރުޙަތު ޙުސައިން)

أميـرالمـؤمـنــيـن أبــوبكرالصّـدّيــق رضى اللّـه عـنــه ޚަލީފާކަމުގެ މަތިވެރި މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެފުރަތަމަ ވިދާޅުވި ޚުޠުބާއަކީ މިއަދުވެސް ތާރީޚުގެ ރަންކުލައިގެ ބާބެކެވެ. ތަރައްޤީވެފައިވާ މިޒަމާނުގައިވެސް ދުނިޔޭގެ ޤައުމުތަކުން އިންސާނީ ޙައްޤުތައް ފައިދަށުލަމުންދާ މަންޒަރުތައް ހާމަވަމުންދަނީ އަޅުގަނޑުމެން ލޯމަތީގައެވެ. އެކަމަކު އެކަމާ ދެކޮޅަށް އަޑު އުފުލުމުގައިވެސް ޤައުމުތަކުގެ އަފުރާދުންވަނީ ނުކުޅެދިފައެވެ. އިސްލާމްދީނުގެ ނާމޫސާއި ކައުސާހިބާގެ ޙުރުމަތް ޙިމާޔަތްކުރުމުގައިވެސް އަޅުގަނޑުމެންގެ ކިބައިގައި ހުންނާންޖެހޭ ކެރުމާއި ހިތްވަރު އެބަހުއްޓެކޭ ނުދެންނެވޭނެއެވެ. އެހެންވީއިރު ރޯޔަލް ރޭޕްތަކަށް ލިބޭނީ ކޮން އަހަންމިއްޔަތެއްތޯއެވެ. ހުއްދަނެތި މާމަލުން ފޮނިބުއިކަމުގެ ތުހުމަތުގައިވާ މާބުރުތައްވެސް ބޭނުންގޮތަކަށް ބޫންބޫން އަޅައިފައި އެކިދިމަދިމާޔަށް އުދުހިގެން ދާންވީ ނޫންތޯއެވެ؟

أبــوبكرالصّـدّيــق رضى اللّـه عـنــه ގެ "ރިޔާސީ ބަޔާން" ގެ މިދަންނަވާ އިޤްތިބާސް ބައްލަވައިލައްވާށެވެ. އޭރުން އެނގިވަޑައިގަންނަވާނީ އިންސާނީ ޙައްޤުތަކުގެ ޙަޤީޤީ ދާޢީ ދެއްވި ތަޢުލީމު އެމާތް ސާހިބާގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިން ތަންފީޒު ކުރައްވައިފައިވާ ފުރިހަމަކަމެވެ. އާދެ، أبــوبكررضى اللّـه عـنــه ވިދާޅުވިއެވެ.

"ތެދުވެރިކަމަކީ އަމާނަތެކެވެ. ދޮގުހެދުމަކީ ޚިޔާނަތެކެވެ. މާތް اللّـه ގެ ވާގިފުޅާއެކު އަހަރެން އެމީހެއްގެ ޙައްޤު އެމީހަކަށް ލިބިދީފުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެންމެ ނިކަމެތި މީހާއަކީ އަހަރެންގެ ގާތުގައި އެންމެ ގަދަފަދަ މީހާއެވެ. ތިޔަބައިމީހުންކުރެ އެންމެ ގަދަފަދަ މީހާގެ އަތުން އޭނާ އެހެންމީހުންނަށް ދޭންޖެހޭ ޙައްޤު އަތުލައިދީފުމަށް ދާންދެން އެމީހާއަކީ އަހަރެންގެ ގާތުގައި އެންމެ ބަލިކަށި ނިކަމެތި މީހާއެވެ."

މުސްލިމުންގެ ދެވަނަ ޚަލީފާ أميـرالمـؤمـنــيـن عـمــربــن الخطّــاب رضى اللّـه عنــه ގެ ސަރުކާރު ހިންގެވުމުގައި އެންމެ ފާޅުކަންބޮޑު އެއްސިފަޔަކީ، ސަރުކާރާއި ޤާނޫނުގެ ކުރިމަތީގައި މޮޅުމީހެއް، ދެރަމީހެއް، މުއްސަންޖެއް، ފަގީރެއް، ރަޙުމަތްތެރިއެއް، ދުރުހިލޭ މީހެއްގެ ތަފާތެއް ނުބަހައްޓަވާކަމެވެ. އެކަމާބެހޭ ވަރަށްގިނަ މިސާލުތައް، ތާރީޚު ފޮތްފޮތުގައި ބަޔާންކުރެވިފައިވެއެވެ. އޭގެތެރޭގައި ހިމެނޭ އެއް ހާދިސާއެއް މިތާނގައި ނަކަލުކޮށްލާނަމެވެ.

އެއްފަހަރަކު ޙައްޖު މޫސުމުގައި ހުރިހައި ގަވަރުނަރުން ހާޒިރު ކުރައްވައިފައި އެންމެންގެ ތެރޭގައި ހުންނަވައި ވިދާޅުވިއެވެ. "މިބައިމީހުންގެ މައްޗަށް އެއްވެސް ޝަކުވާއެއް އޮތްމީހަކު ހުރިކަމުގައިވާނަމަ، އެކަމެއް ހުށަހަޅާށެވެ." މިދެންނެވި އެއްވުމުގައި މިސުރުގެ ގަވަރުނަރު عَـمــرو بــن العـاص رضى اللّـه عنــه ފަދަ މަތީދަރަޖައިގެ ވެރީން ތިއްބެވިއެވެ. އެވަގުތު މީހަކު ތެދުވެ ޝަކުވާ ކޮށްފިއެވެ. މިވެނި ގަވަރުނަރަކު އެހުންނެވީ އެއްވެސްކަމަކާނުލައި އަޅުގަނޑުގެ ގައިގައި ދުއްރައިން ސަތޭކަ ބޮނޑި ޖައްސަވައިފައެވެ. އެވަގުތު عـمــر ގެފާނު އެމައްސަލަ ބައްލަވައިފައި، އެކަލޭގެއަށް ހަމަވަގުތުން ބަދަލަށް ބަދަލުހިފުމަށް އެންގެވިއެވެ.

އެކަމާބެހޭގޮތުން عَـمــرو بــن العـاص ވިދާޅުވިއެވެ. "أميـرالمـؤمـنــيـن އެވެ. ތިޔަހެން ހެއްދެވުމުން ހުރިހައި ގަވަރުނަރުންގެ ހިތްޕުޅު ކުޑައިވާގޮތް ވާނެއެވެ."

ޖަވާބުގައި عـمــر ވިދާޅުވިއެވެ. "ތިޔަހެންކަމުގައިވިޔަސް، މިކަން ކުރާނެކަން ކަށަވަރެވެ." އެއަށްފަހު ދަޢުވާވެރިޔާއާ ދިމާއަށް ވިދާޅުވިއެވެ. "ކަލޭގެ މަސައްކަތް ނިންމާށެވެ." އެންމެފަހުން عَـمــرو بــن العـاص ދުއިސައްތަ ދިރުހަމުގެ ބަދަލުގައި، އެކަލޭގެ ކިބައިން ގަވަރުނަރަށް މަޢާފު ހޯއްދަވައިދެއްވިއެވެ. عـمــر ގެފާނު މުސްލިމުންގެ ތެރޭގައި ހިންގަވައިލެއްވި މުސާވާތުގެ ނަތީޖާއެއްގެގޮތުން، ތާކުންތާކުނުޖެހޭ ބޮޑާކަމާއި ފަޚުރުވެރިކަމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކޮށްކޮށްތިބި ޤަބީލާތަކުގެ ދެކޮޅުވެރިކަމާއި ކިބުރުވެރިކަން މުޅީން ފިލައިގެން ހިނގައްޖެއެވެ.

ހަމައެފަދައިން أميـرالمـؤمـنــيـن عـلــى بــن أبــى طـالـب رضى اللّـه عنــه ވެސް އެކަލޭގެފާނުގެ ގަވަރުނަރުންނާއި ސަރުކާރަށް ލިބެންވާ ޓެކުހާއި ޒަކާތް ނަންގަވާ ކާރުދަވެރީންނަށް ތަކުރާރު ކުރައްވައި އަންގަވަމުން ގެންދެވިއެވެ.

"އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މީހުނާ މުޢާމަލާ ކުރައްވާށެވެ. އެބައިމީހުންގެ ބޭނުންތަކުގެ ވާހަކަ ކެތްތެރިކަމާއެކު އަޑުއައްސަވާށެވެ. އެހެނީ އެބައިމީހުންނަކީ މުސްލިމު ރައްޔިތުންގެ ތަރުޖަމާނުންނެވެ. އެއްވެސް މީހަކު އެމީހެއްގެ ބޭނުމެއްގެ ވާހަކަ ހުށަހެޅުން މަނާ ނުކުރައްވާށެވެ. އެބައިމީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި މާގިނައިރުވަންދެން އިންތިޒާރުގައި ތިބުމުގެ އުނދަގޫ ނުޖައްސަވާށެވެ. ވާރާއި ގޮއި އަތުލެއްވުމަށްޓަކައި މީހެއްގެ ފިނި މޫސުމުގެ ފޭރާން ވިއްކައި ނުލައްވާށެވެ. އަދި އެ ސޫތްޕެއްގައި އެމީހެއްގެ ތަކެތި އުފުލައިއުޅޭ ސޫފިވެސް ވިއްކައިނުލައްވާށެވެ. ނުވަތަ އެއިން މީހެއްގެ އަޅަކު ވިއްކައިނުލައްވާށެވެ. އެއްވެސް މީހެއްގެ އަތުން ދިރުހަމެއް އަތުލެއްވުމުގެ ބޭނުންފުޅުގައި އެންމެ ބޮނޑިއެއްވެސް ނުޖައްސަވާށެވެ."

ޝައްކެއްނެތެވެ. އިންސާނީ ޙައްޤުތައް ލިބިދިނުމުގައި އިޚުލާޞްތެރިވާން ބޭނުން ކޮންމެ ބަޔަކުވެސް މިސުރާބުޖަހަން ޖެހޭނީ އިންސާނީ ޙައްޤުތަކުގެ ޙަޤީޤީ ދާޢީ ދެއްވައިފައިވާ ތަޢުލީމާ ދިމާޔަށެވެ. ދައްކަވައިފައިވާ ރީތި ފުރިހަމަ ނަމޫނާއާ ދިމާޔަށެވެ. އިސްލާމްދީނަކީ ވަކިބައެއްގެ ތަރިކައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ މުޅި އިންސާނިއްޔަތަށްޓަކައިވާ އަމާނަތެކެވެ.

(ނިމުނީ)