އަމިއްލަ ކުންފުނިތަކަށް، ފަސޭހަ ކަމާއެކު ސަރުކާރުގެ ސޮވްރިން ގެރެންޓީ ހަމަޖެހޭނެ އުސޫލެއް ގާއިމު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ބާރު އެޅުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދަށް ތިޔާގިކަން ގެންނަ ބޮޑެތި ވިޔަފާރިތަކުން ބޭނުން ކުރަމުން އަންނަ ގިނަ ބިންތަކުގެ މިލްކުވެރިކަން ދިވެހި ސަރުކާރުގެ އަތުގައި އޮވެ، ކޮވިޑްގެ ސަބަބުން ރާއްޖޭގައި ހިނގަމުން ދިޔަ ވިޔަފާރީގެ ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓި، ރާއްޖޭގައި އިންވެސްޓް ކޮށްގެން ތިބި ވިޔަފާރިވެރިންނާއި، ދިވެހި އެތަކެއް ރައްޔިތުންގެ ބަނޑުފުރާނަ މުއްތި ކުރުމާ ގުޅިފައިވާ ކުންފުނިތަކަށް ފޫ ނުބެއްދޭވަރުގެ ގެއްލުން ވަމުންދާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އަމަލުތައް އަދިވެސް ހުރީ އިގްތިސޯދަށް އިތުރަށް ގެއްލުންދޭ ގޮތަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ސަރުކާރާއެކު ވެފައިވާ އެއްބަސްވުމަކަށް އެކަނި ބަލައިގެން، ޕްރައިވެޓް ކުންފުނިތަކަށް ލޯނު ދޭން ބޭންކު ތަކުން ޖެހިލުން ވެ، ފައިނޭންސް ހޯދުން ނިހާޔަތަށް އުނދަގޫ ވެ، ރާއްޖޭން ބޭރުން ފައިނޭންސް ހޯދުން ނޫންގޮތެއް، ދިވެހި ކުންފުނިތަކަށް ނެތިފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
އެހެންކަމުން އިގްތިސޯދީ ގޮތުން އުނދަގޫ މި ދަނޑިވަޅުން ރާއްޖެ އަރައިގަތުމަށް، މީގެ ކުރިންވެސް ދިވެހި ސަރުކާރުން ކަންތައްތައް ކޮށްފައިވާ ފަދައިން، ރަހުނުގެ ގޮތުގައި އަގުބޮޑެތި މުދާ ބެހެއްޓުމުގެ ގާބިލިއްޔަތު ހުރި، އަދި އެހެންވެސް ޝަރުތުތައް ފުރިހަމަވާ ޕްރައިވެޓް ކުންފުނިތަކަށް، ފަސޭހަކަމާއެކު ސަރުކާރުގެ ސޮވްރިން ގެރެންޓީ ހަމަޖެހޭނެ އުސޫލެއް ގާއިމު ކުރުމަށް މަޖިލީހުން ބާރުއަޅައިދިނުމަށް އެދި މައްސަލަ ހުށަހަޅުއްވާކަމަށް ޖާބިރު ވިދާޅުވިއެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ވޯޓަށް އެހުމުން، މަޖިލިސް ޖަލްސާގައި ތިއްބެވި 34 މެންބަރުންގެ ތެރެއިން ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އެ މައްސަލަ ބަލައި ނުގަތުމަށް 15 މެންބަރުން ވޯޓު ދެއްވިއެވެ.
ވަކި ގޮތަކަށް ވޯޓު ނުދެއްވައި ހަތަރު މެންބަރުން ތިއްބެވިއިރު އެ މައްސަލަ ބަލައިގަތުމަށް ބޭނުންވަނީ 14 ވޯޓެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު