އާރްޔަން ހާން މައްސަލައިގައި އެންސީބީ އާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

އާރްޔަން ހާން ހައްޔަރުކުރި މަސްތުވާ ތަކެތީގެ މައްސަލައިގައި ހެކިދިން މީހަކުވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ސަމީރު ވަންކޭދު އަދި ކޭޕީ ގޯސަވީ އާ ދެކޮޅަށް ބަޔާނެއް ދީފައެވެ.

އެ އޭޖެންސީީ އާއި ދެކޮޅަށް ބަޔާން ދީ ވާހަކަ ދައްކާފައިވަނީ އާރްޔަން ހާން ހައްޔަރުކުރި ދުވަހު އޭނާ އާ އެކު ސެލްފީ ނެގި ޕްރަބާކަރު ސާއިލްއެވެ.

ޕްރަބާކަރުގެ ބަޔާނުގައި ބުނެފައިވަނީ އޭނާ އަކީ ކޭޕީ ގޯސަވީގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށާއި، ސަމީރު އަދި ގޯސަވީ ފައިސާގެ ޑީލެއް ފޯނުން ހަމަޖެއްސީ އޭނާ ހުރި ތަނެއްގައި ކަމަށެވެ. ގޯސަވީ އާއި ސޭމް ޑިސޫޒާ ކިޔާ މީހަކާއެކު 18 ކުރޯޅު އިންޑިއާ ރުޕީސްގެ ޑީލެއް ހަމަޖެއްސި އަޑު އޭނާ އެހި ކަމަށާއި އޭގެ ތެރެއިން 8 ކުރޯޅު އިންޑިއާ ރުޕީސް ޒޯނަލް ޑައިރެކްޓަރު ސަމީރު ވަންކޭދަށް ދޭން އެއްބަސްވި ކަމުގައި ޕްރަބާކަރު ތުހުމަތު ކުރެއެވެ.

''ކޭޕީ ގޯސަވީ ސޭމް އާ ފޯނުން ދެއްކި ވާހަކައިގައި 25 ކުރޯޅުގެ ޑީލެއްގެ ވާހަކަ ދައްކައި 18 ކުރޯޅަށް ޑީލު ނިންމީ އެތަނުން 8 ކުރޯޅު ރުޕީސް ސަމީރަށް ދޭން ޖެހޭތީ ކަމަށް ބުނި.'' އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ކޭޕީ ގޯސަވީ، ސޭމް ޑިސޫޒާ އަދި ޝާހްރުކު ހާންގެ މެނޭޖަރު ޕޫޖާ ދަދްލާނީ ކާރެއްގެ ތެރޭގައި 15 މިނިޓުގެ ބައްދަލުވުމެއް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ބުނެއެވެ.

ޕްރަބާކަރު ސާއިލް އަކީ މި ޑުރަގު ބަސްޓުގައި އެއްކޮޅަށް ހެކިދިން 9 މީހުންގެ ތެރެއިން އެކެކެވެ. ނަމަވެސް މި މައްސަލައާ ދެކޮޅަށް ދީފައިވާ ބަޔާނުގައި އޭނާ ވަނީ އެރޭ ކަންތައް ހިނގައިދިޔަ ގޮތް ތަފުސީލުކޮށް ކިޔައިދީފައެވެ. ''އެރޭ 10.30 ވަނިކޮށް ބޯޑިން އޭރިއާ އަށް ދިއުމަށް ގޯސަވީ ގުޅާފަ ބުނި. އަދި ބޯޓުގެ ތެރެއިން އާރްޔަން ހާން އަދި މުންމުން ދަމޭޗާ އާއި އިތުރު ބަޔަކު އެންސީބީ އޮފިޝަލުންނާއެކު ފެނުނު. އެމީހުން އެންސީބީ އޮފީހަށް ގެންދިއުމަށްފަހު ހުސް ކަރުދާސް ތަކެއްގައި ސޮއި ކުރުމަށް ސަމީރު އަދި ގޯސަވީ އަހަރެން ގާތު ބުނި.'' އޭނާ ކިޔައިދީފައެވެ. އޭނާ އިތުރަށް ކިޔައިދީފައިވާ ގޮތުގައި ޑީ ސޫޒާ އަށް ރައްދުކޮށްދިނުމަށް ދެ ކޮތަޅުގެ ފައިސާ އޭނާއަށް ގޯސަވީ ހަވާލުކުރިއެވެ. އެ ފައިސާ ޓްރިޑެންޓް ހޮޓެލްގައި ހުރި ޑީ ސޫޒާއަށް ގެންގޮސް ދިންކަމުގައިވެސް ޕްރަބާކަރު ވަނީ ބަޔާނުގައި ބުނެފައެވެ.

ނަމަވެސް މި ތުހުމަތުތަކަށް ސަމީރު އަދި ގޯސަވީ އިންކާރު ކުރެއެވެ. އެންސީބީގެ އޮފިޝަލުން ބުނީ ޕްރަބާކަރު އަކީ އެމީހުން ދަންނަ މީހެއް ނޫން ކަމަށާއި 2 އޮކްޓޫބަރު ގައި ކްރޫޒް ޝިޕުން މަސްތުވާ ތަކެތި އަތުލައިގަތް މައްސަލައިގެ ކުރިން ޕްރަބާކަރު އާ އެ އޭޖެންސީން ދިމާވެފައި ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި މިއީ އެ އޭޖެންސީގެ އަގު ވައްޓާލުމަށް ބަޔަކު ކުރަމުންދާ ދޮގު ތުހުމަތު ތަކެއް ކަމުގައިވެސް އެ އޭޖެންސީން ވަނީ ބުނެފައެވެ.