ނ، ރ، ބ އަދި ޅ. އަތޮޅަށް ކަނޑައަޅާފައި ހުންނަ ފުލުހުންގެ ޑިވިޝަން ކޮމާންޑަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމަށް ހާޓް އެޓޭކެއް ޖެހި ނިޔާވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ނަދީމަށް ހާޓް އެޓޭކެއް ޖެހުނީ ބ. އޭދަފުށީ އޮފީސްތަކަށް ހުޅުވާލައިގެން އެރަށުގައި ކުރިއަށްގެންދާ ފުޓުބޯޅަ މުބާރާތެއްގައި ރޭ ކުޅެން ހުއްޓައެވެ.

ޕޮލިސް ޓީމުގެ ގޯލްކީޕަރަކަށް ހުރި ނަދީމް ވެއްޓުމުން، އޭނާއަށް ފުރަތަމަ ފަރުވާދީފައިވަނީ ބ. އަތޮޅު ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރު ފަރުވާއަށް ރޭ ދަންވަރު އޭނާ ވަނީ މާލެ ގެނެސްފައެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 37 އަހަރުގެ ނަދީމް ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް މިރޭގެ ވަގުތެއްގައެވެ.

ނަދީމުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަދީމަކީ ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރަމުން އައި އޮފިސަރެއް ކަމަށާއި ފުލުހުންގެ ހިދުމަތުގައި 18 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރި ނަދީމަކީ ގާބިލު އޮފިސަރެއް ކަމަށެވެ.