ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު ހަވީރު އެގައުމަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެގޮތުން މި ވަފުދުގައި ކެބިނެޓް މިނިސްޓަރުންނާއި ރައީސް އޮފީހުގެ ބައެއް އިސް ވެރިންނާއި ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެކްސްޕޯގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ވާހަކަފުޅު ދައްކަވާނެއެވެ. އަދި ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ޔޫއޭއީގެ ސަރުކާރުން ދެއްވާ ޖާފަތެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކީނޯޓް ސްޕީކާއެއްގެ ހައިސިއްޔަތުން ރައީސް ވާހަކަފުޅު ދެއްކަވާނެއެވެ. އަދި އެއަށްފަހު ކިއުއެންޑްއޭ ޕެނަލެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސްގެ ދެކަނބަލުން ޔޫއޭއީގައި ދިރިއުޅޭ ރާއްޖޭގެ ޑިޕްލޮމެޓުންނާއި ރާއްޖޭގެ އާއިލާތަކާއި ބައްދަލުކުރައްވާނެއެވެ.
ދުބާއީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ އަނބިކަބަލުން ފަޒްނާ އަހުމަދު އެދުވަހު ވަޑައިގަންނަވާނީ ރާއްޖެއަށެވެ. ނަމަވެސް ރައީސް ރާއްޖެ ވަޑައިގަންނަވާނީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުއެވެ. ރައީސާއެކު އެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެކްސްޕޯ 2020 އަކީ މުޅި ދުނިޔެއަށް އަމާޒުކޮށް ކޮންމެ ފަސް އަހަރަކުން ބާއްވާ އިވެންޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު