މިއަހަރުގެ މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ނިންމާލައި އެންމެ މޮޅު ފަސް ހިޔާލު ހޮވައި، އެ ހިޔާލުތައް ހުށަހެޅި ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.
މިއަހަރުގެ ކޭމްޕްގައި 18 އަހަރާއި 30 އަހަރާ ދެމެދުގެ 30 ޒުވާނުން ވަނީ ބައިވަރިވެފައެވެ. މިފަހަރުގެ ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އއ، އދ، ވ އަދި ކ އަތޮޅުގެ ޒުވާނުންނަށް އެކަންޏެވެ.
ބައިވެރިން ތަމްރީނު ކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީގައި، މީހުން ދުނިޔެ އަދި ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަމުގެ ރޮނގުން އީޖާދީ ހިޔާލުތައް ހުށަހަޅާފައިވެއެވެ.
ކޭމްޕްގެ ބައިވެރިއެއްކަމަށްވާ އައިޝަތު އަޖުފާން ބުނި ގޮތުގައި ލޮކްޑައުންތަކަށް ފަހު މިފަދަ ކޭމްޕަކަށް އައިސް ހިޔާލު އެއްގޮތް އެހެން ޒުވާނުންނާއި ވާހަކަ ދައްކާލަން ލިބުމަކީ ވަރަށް ރަނގަޅު ފުރުސަތެކެވެ.
"ބައިވެރިންގެ ވަރަށް ރަނގަޅު ހިޔާލުތަކެއް އެބަހުރި. އަދި މީގެ އިތުރުން މި ހިޔާލުތައް ހަގީގަތަކަށް ވާން މާލީ އެހީތެރިކަން ދޭނެ ފަރާތްތައްވެސް ތިބޭނެ. ހުރިހާ ބައިވެރިންނަށްވެސް ބުނެލަން ބޭނުންވަނީ މޮޅުވިޔަސް ނުވިޔަސް ތި ހިޔާލުތައް ދޫކޮށްނުލައި ކުރިއަށް ދާށޭ." އަޖުފާން ބުންޏެވެ.
މޮޅުވި ޓީމުތަކުގެ ހިޔާލުތަކަށް އަމަލީ ސިފަ ގެނައުމަށް ޓަކައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފައިސާގެ އެހީތެރިކަން ދޭނެއެވެ.
ޔޫއެންޑީޕީއާއި އުރީދޫ މޯލްޑިވްސްގެ އިތުރުން، 2019 ވަނަ އަހަރުން ފެށިގެން 'މިޔަހެލި' ބާއްވަމުން އަންނަނީ ޔޫތު މިނިސްޓްރީގެ އެއްބާރުލުމާ އެކުގައެވެ. މި އަހަރުގެ ކޭމްޕް ބާއްވާފައިވަނީ ޔޫތު ގްލޯބް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ އެއްބާރުލުމާއި އޮސްޓްރޭލިޔާގެ ސަރުކާރާއި ޔޫރަޕިޔަން ޔޫނިއަން (އީޔޫ)ގެ މާލީ އެހީތެރިކަމުގެ ދަށުންނެވެ.
މިއަހަރުގެ މިޔަހެލި ކޭމްޕްގެ ވެސް މަގުސަދަކީ މުޖުތަމައުގައި ފައިދާ ކުރަނިވި މަސައްކަތް ކުރުމަށް ޒުވާނުންނަށް އެއްބާރުލުންދިނުމެވެ.
މިޔަހެލި އަކީ މުހިންމު އިޖުތިމާއީ ކަންކަމަށް ބޭނުންވާނެ ފަދަ ޓެކްނޮލޮޖީ ހިމެނޭ އަދި ނުހިމެނޭ އިޖުތިމާއީ އީޖާދުތައް އުފެއްދުމަށް އީޖާދުކުރާ މީހުންނާއި މެންޓަރުން އަދި ހިޔާލުތައް އެއްތަނަކުން ގުޅުވާލަދޭ ގޮތަށް ހިންގާ ޕްލެޓްފޯމެކެވެ.