މިއަހަރުގެ ތިންވަނަ ކުއާޓާގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އޮންލައިންކޮށް މިއަދު ބޭއްވި އެ ބޭންކްގެ އާންމު ޖަލްސާގައި ނިމިގެންދިޔަ ކުއާޓާގައި ބޭންކުން ހޯދި ކާމިޔާބީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ޓިމް ވިދާޅުވީ ބޭންކު މިވަގުތު އޮތީ އަންދާސާ ކުރި ވަރަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށެވެ. އެގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ ކުއާޓާއާ އަޅާބަލާއިރު 108 ޕަސެންޓް އިތުރު އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ.

މިއީ އެވަރެޖްކޮށް ލިބޭ ވަރަށް ވުރެ ބޮޑު ފައިދާއެއް ކަމަށާއި މިއީ ދައްކަންޖެހި ނުދައްކާ އޮތް ލޯނަކަށް އެއްފަހަރާ ލިބުނު ފައިސާ އިން ނުކުތް ނަތީޖާއެއް ކަމަށްވެސް ވިދާޅުވިއެވެ.

"އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ބަލާއިރު މިދިޔަ ކުއާޓާއާ އަޅާބަލާއިރު ނަތީޖާވެސް ރަނގަޅު އަދި އުއްމީދަކީ މިއަހަރު ނިމެންދެންވެސް މި ކާމިޔާބީ ދެމެހެއްޓިގެންދާނެކަމަށް. ބޭންކަށް ލިބެމުންދާ ހަރުދަނާ ނަތީޖާގެ ސަބަބުން ކަސްޓަމަރުންނާއި އަޅުގަނޑުމެންގެ މުޖުތަމައުއަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ،" ޓިމް ވިދާޅުވިއެވެ.

ޓިމް ވިދާޅުވީ ބޭންކުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ދާދި ފަހުން ތައާރަފު ކުރި ޑިޖިޓަލް ހިދުމަތްތަކުގެ ސަބަބުން ކުރިން ލަފާކުރެވުނު މިންވަރަށްވުރެ، މާލީ ގޮތުން ރަނގަޅު ނަތީޖާއެއް ލިބިފައިވާ ކަމަށެވެ.

"ޑިޖިޓަލައިޒް ކުރުމަކީ އަދިވެސް އަޅުގަނޑުމެން އެންމެ މުހިންމު އިސްކަމެއްދޭ އެއްކަންތައް. އަޅުގަނޑުމެންގެ ކަސްޓަމަރުންނަކީ އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގެވެސް އެންމެ މުހިންމު ބަހާއަށް ވުމާއެކު އަޅުގަނޑުމެންގެ ސްރެޓަޖީއަކީ އެކުލަވާލެވިފައިވާ ޑިޖިޓަލް މަގުޗާޓާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭންކިން ހިދުމަތް ދިނުން"

ދާދި ފަހުން ކޮންޓެކްޓް ސެންޓާއަށް ގެނައި އަޕްގްރޭޑާ ގުޅޭ ގޮތުން ޓިމް ވިދާޅުވީ އެބޭންކުން ދޭ ހިދުމަތުގެ ފެންވަރާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އެކަށީގެންވާފަދަ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީވެސް އަދި މަސައްކަތް ކުރަމުންދަނީވެސް ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށް ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން،" އޭނާ ވިދާޅުވިއެވެ.

މި ކުއާޓާގައި ބޭންކުގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އިތުުރު ފަސް ޕްރޮޖެކްޓް އެވޯޑް ކޮށްފައިވާ ކަމަށާއި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އަމާޒުކޮށް 55 ޕްރޮޖެކްޓް ހިންގުމަށް އެހީތެރިކަން ފޯރިކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާނެ. މިއީ ބޭންކަށް ހާސިލުކުރެވޭ މުހިންމު ލަނޑުދަނޑިއަކަށްވެސް ވެގެންދާނެ،"

އެ ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ފާހަގަކޮށްލެވޭ މުހިންމު ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށާއި އެއީ ކަސްޓަމަރުންނާއި މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރާ މުހިންމު ކަންތައްތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.