ހުރިހާ ގައުމުތަކަށް ހަމަހަމަކަން ހޯދައިދިނުމުގެ މަސައްކަތުގައި އދ. އާއެކު ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އދ. އަށް 76 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި މެސެޖުގައެވެ.

މިނިސްޓަރު ވަނީ، ހުރިހާ ގައުމުތަކަށްވެސް އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި އަދުލު އިންސާފާއި ހަމަހަމަކަން ހޯދައިދިނުމުގެ މަސައްކަތުގައި ރާއްޖެ އަބަދުވެސް އދ އާއެކު ސާބިތުކަންމަތީ މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވައިފައެވެ. އޭގެ އިތުރުން، އދ. ގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް މަލްޓިލޭޓަރަލިޒަމް އާއި ޑިޕްލޮމަސީއަށް ކުރާ އިތުބާރު ދަމަހައްޓާނެކަމުގެ ޔަގީންކަންވެސް ވަނީ އަރުވައިފައެވެ.

މިނިސްޓަރު ވިދާޅުވީ 1965 ވަނަ އަހަރު އދ. އާ ގުޅުނު ރާއްޖެއަކީ އެންމެ ފުރަތަމަ އދ. އާ ގުޅުނު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ. އެގޮތުން ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، ރާއްޖެއަކީ އދ. ގައި ހަރަކާތްތެރި ގައުމެއް ކަމަށް ވިދާޅުވިއެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ކެންޑިޑޭޓް އިންތިހާބުކުރުމުން، ބައިނަލްއަގުވާމީ މުޖުތަމައުއިން ރާއްޖެއަށް ކުރާ އިތުބާރު ހާމަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި އެމަނިކުފާނު މަސައްކަތް ކުރެއްވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އެންމެން ގުޅިގެން މަސައްކަތްކޮށްގެން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި، އެޖެންޑާ 2030 އާއި ޕެރިސް އެގްރީމެންޓުގައިވާ ލަނޑުދަނޑިތައް ކާމިޔާބުކުރެވޭނެ ކަމަށާއި ދުނިޔޭގެ އެއްބައިވަންތަކަމާއި މަލްޓިލޭޓަރަލިޒަމްގެ ރޫހު ދަމަހައްޓައި، ގޮންޖެހުންތަކުން އަރައިގަނެ އަންނާން އޮތް ޖީލުތަކަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.