ނޭޕާލުގެ ކޯޗު އަބްދުލް އަލް މުތައިރީ ރާއްޖޭގައި ހުރެ ގައުމީ ޓީމުގެ ކޯޗުކަމުން ވަކިވާން ނިންމި ނަމަވެސް، އަނެއްކާވެސް އެމަގާމުގައި ކުރިއަށް ދާން މަޝްވަރާ ކޮށްފިއެވެ.

މުތައިރީ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ނޭޕާލުގެ މީޑިއާއާ ނުރުހުންވެ، ވަރަށް ބޮޑަށް މީޑިއާތަކަށް ފާޑު ކިޔުމަށްފަހު ބުނެފައި ވަނީ މުބާރާތަށްފަހު އެ ގައުމުގެ ކޯޗުކަން ދޫކޮށްލާނެ ކަމަށެވެ. މުތައިރީ މިފަހަރު އެގޮތަށް ވާހަކަ ދައްކާފައިވާއިރު، ކުރިންވެސް އޭނާ އެފަދަ ގޮތަކަށް ނޭޕާލް ކޯޗުކަމުން އިސްތިއުފާ ދިނެވެ. ފެޑަރޭޝަނާ ކުނިތަކެއް ޖެހި، މިއަހަރު ޖުލައި މަހުގެ ތެރޭގައި ކުއްލި ގޮތަކަށް، އެންމެން ހައިރާން ކޮށްލާފައި މުތައިރީ ނޭޕާލުގެ ކޯޗުކަން ދޫކޮށްލާފައިވާއިރު، އެކަން ކުރެވުނު ގޮތަށް މައާފަށް އެދި މުތައިރީ އެފަހަރުވެސް އަލުން ކޯޗުކަމާ ހަވާލިވިއެވެ.

"މެޗު ދޫކޮށްލީ ކަމަށް ބުނެ މީޑިއާތަކުން ލިޔުމުން އުފާވެފަތޯ އަހާލަން ބޭނުން. އަހަރެންގެ ދަރިފުޅުވެސް އެކަމާ ސުވާލު ކުރި. ދެން އަހަރެން ބުނަން އޮތީ އެއީ ގިނައިން ނޫސް ކިޔާނެ މީހުން ހޯދަން ޖައްސާ ސްޓަންޓޭ. އެއީ ފައިސާ ހޯދަން ބޭނުންކުރާ އުކުޅުތަކެކޭ. އަހަންނަކީ އަޅެއް ނޫން. އަހަންނަކީ ކޯޗު. އެވާހަކަ ބުނެލަން ބޭނުން،" މުބާރާތަށްފަހު ނޭޕާލް ޓީމު ދޫކޮށްލާނެ ކަމަށް މާކުރިން އިއުލާނު ކުރި މުތައިރީ ސާފް ޗެމްޕިއަންޝިޕްގައި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބުނެފައިވެއެވެ.

އެ ނިންމުމާއެކު ގައުމަށް ދިޔަ މުތައިރީގެ ފަރާތުން މިހާރު ފެންނަނީ ތަފާތު މަންޒަރެކެވެ. ނޭޕާލުގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް ކަރްމާ ސެރިންގެ ޝެރްޕާއާ ދާދިފަހުން މުތައިރީ ބައްދަލު ކޮށްފައިވާއިރު، އެގައުމުގެ މީޑިއާތަކުން ބުނެފައި ވަނީ އޭނާ ކޯޗުކަމުގައި މަޑުކުރަން ވިސްނާފައިވާ ކަމަށެވެ. ރައީސް ސެރިން ކޮށްފައިވާ ޕޯސްޓުގައި ޖަހާފައިވާ ކެޕްޝަނުންވެސް ދޭހަވަނީ އެފަދަ ވާހަކައެކެވެ. ކެޕްޝަނުގައި ވަނީ "ނޭޕާލް ފުޓުބޯޅައިގެ ކުރިމަގާމެދު ވާހަކަ ދެކެވުނު،" ކަމަށް ބުނެފައެވެ.

ދާދިފަހުން ފީފާއިން ބޭއްވި ބައްދަލުވުމެއްގައިވެސް ނޭޕާލުގެ ކޯޗުގެ ގޮތުގައި މުތައިރީ ބައިވެރިވެފައިވާއިރު، މިވަގުތު ޗުއްޓީގައި ހުރި ނޭޕާލް ފުޓުބޯޅަ ފެޑަރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިންދްރާ މާން ޓުލަދަރު ވިދާޅުވެފައި ވަނީ މުތައިރީގެ އެއްބަސްވުން ހަމަވަނީ 2021 ވަނަ އަހަރު މާޗު މަހު ނިޔަލަށް ކަމަށާއި، މިހާރުވެސް އަންނަނީ މަޝްވަރާތައް ކުރެވެމުން ކަމަށެވެ.

ނޭޕާލްގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެގައުމުގެ ސަޕޯޓަރުން އަދިވެސް ބޭނުންވަނީ ގައުމީ ޓީމުގެ ކޯޗުކަމުގައި މުތައިރީ ބަހައްޓާށެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި އިންޑިއާ އަތުން ނޭޕާލް ބަލިވެ ތަށީގެ އުފަލުން މަހުރޫމުވި ނަމަވެސް އެއީ މުތައިރީއަށް ދަށް ނަތީޖާއަކަށް ނޫނެވެ. މިފަހަރަކީ ސާފްގެ ފައިނަލަށް ނޭޕާލް ދަތުރުކުރި ފުރަތަމަ ފަހަރެވެ.