Close
ޚަބަރު

ކަމަދޫގެ ކުރީގެ ކައުންސިލުން ހުށަހެޅި މައްސަލަތައް ފައިލްކޮށްފި

އިބްރާހިމް ޒަކީ

ބ. ކަމަދޫގެ ކުރީގެ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅާފައިވާ 10 މައްސަލައެއް އެ ކޮމިޓީން ކުރިއަށް ނުގެންދަން ނިންމައި، އެ މައްސަލަތައް ފައިލްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުން ފެއްޓެވުމަށްފަހު ރިޔާސަތުގައި އިންނެވި އެ ކޮމިޓީގެ ނާއިބު މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އެ މައްސަލަތަތައް ހުށަހަޅާފައި ވަނީ ކަމަދޫ ކައުންސިލުން އެ ކޮމިޓީއަށް ފޮނުވި 10 ސިޓީއަކުން ކަމަށެވެ.

އެއީ ނިދިޔަ ކައުންސިލުން 2020 ވަނަ އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ކަމަދޫ ކައުންސިލުގެ ހިދުމަތްތައް ހުއްޓިފައިވާތީ އެ މައްސަލަތައް ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކާއި އެ ކައުންސިލުގެ އިދާރީ މުވައްޒަފުން، ކައުންސިލް ރައީސާއި މެންބަރުންނަށް ފުރައްސާރަކޮށް ޖެއްސުން ކުރަމުންދާތީ، ފިޔަވަޅުއަޅައި، ކައުންސިލް ހިންގުމަށް ވަގުތީ މުވައްޒަފުން ހޯދައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކާއި ކައުންސިލް ހިންގުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް އެކަމަށް ހައްލު ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އަދި އޭރުގެ ކައުންސިލް މެމްބަރު އަހުމަދު ސަމީރު ކައުންސިލަށް ހާޒިރު ނުވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގައި ހުސްކޮށް ހުރި މަގާމުތަކަށް މީހުން އައްޔަންކުރުން އަވަސްކޮށްދިނުމަށާއި ސިވިލް ސާވިސްގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ކައުންސިލްގެ އޭރުގެ ރައީސް އަހުމަދު ސާޖިދު އަމަލު ކުރަމުންދާ މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ. އަދި އެލްޖީއޭގެ ޑިރެކްޓަރު ލެވެލްގައި މަސައްކަތް ކުރައްވާ ދެ ބޭފުޅުން ކަމަށްވާ އަބްދުﷲ ރަޝީދާއި އާދަމް ޝަރީފް އިސްވެ ތިއްބަވައިގެން އެ ބޭފުޅުންނަށް އިހުތިޔާރު ލިބިފައިނުވާ ގޮތްގޮތަށް ކައުންސިލްތަކުގެ އިހުތިސޯސްގައި ހިމެނޭ ތަންތަނާއި ލިބޭ ފައިސާގެ މައުލޫމާތު އޮޅުން ފިލުވައި އަތޮޅު ކައުންސިލަށް ހުރިހާ ބާރުތައް ލިބޭ ގޮތަށް މަގުފަހި ކުރަމުން ގެންދާ މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ.

މި މައްސަލަތަކާބެހޭ ގޮތުން ވައްޑެ ވިދާޅުވީ ކަމަދޫ ކުރީގެ ކައުންސިލަކީ ސިލްސިލާކޮށް ގިނަ މައްސަލަތަކެއް އެ ކޮމިޓީއަށް ހުށަހެޅި ކައުންސިލެއް ކަމަށެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްްކަތްތަކެއްކޮށް އެ އަތޮޅު، އަތޮޅު ކައުންސިލާއި ލޯކަލް ގަވާމަންޓް އޮތޯރިޓީއާ ވާހަކަ ދައްކާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެލްޖީއޭގެ ޑިރެކްޓަރު ލެވެލްގެ ދެ ބޭފުޅުންނާބެހޭ ގޮތުން ހުށަހެޅިފައިވާ މައްސަލައަކީ އެ މައްސަލަ ބަލައި އެ ބޭފުޅުންނަށް ފިޔަވަޅު އެޅުމުގެ މެންޑޭޓް ކޮމިޓީއަށް އޮންނަ މައްސަލައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ދެބޭފުޅުންގެ އުސޫލުތަކާ އެގޮތަށް ހުންނަ ނަމަ އެ މައްލަ އެހެން ކައުންސިލްތަކުންވެސް ފާހަގަ ކުރާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

އެ މައްސަލަތަކަކީ ކުރީގައި އޮތް ކައުންސިލުން ހުށަހަޅާފައިވާ މައްސަލަތަކެއްކަން ފާހަގަ ކުރައްވައި، ގާނޫނަށް އަލަށް ގެނައި އިސްލާހުތަކާއެކު އިންތިހާބުވެފައިވާ އާ ކައުންސިލެއް މިހާރު އޮތުމުން ކުރީގެ ކައުންސިލުން ހުށަހަޅާފައިވާ މައްސަލަތައް މިހާރު ހައްލު ކުރެވިފައިވާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލަތައް ކުރިއަށް ނުގެންދިއުމަށް ނިންމައި ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ ތައީދާއެކު އެ މައްސަލަތައް ފައިލްކުރަން ނިންމީ ކަމަށް ވައްޑެ ވިދާޅުވިއެވެ.