ޝޫޓިންއެއްގެ ތެރޭގައި ހޮލީވުޑް ތަރި އެލެކް ބޯލްޑްވިންގެ އަތުން މީހަކު މަރުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނިއު މެކްސިކޯގައި މި ހާދިސާ ހިނގާފައިވަނީ ޝޫޓިންގައި ބޭނުންކުރަން ގެންގުޅުނު ބަޑިއެއްގެ ޓްރިގަރަށް އެލްކް ބޯލްޑްވިން އަތުން ފިތިގެންނެވެ. ބަޑީގެ ވަޒަން އަރައި ސިނެމެޓޮގުރާފަރު ހެލީނާ ހަޗިންސް މަރުވެފައިވާ އިރު، ޑައިރެކްޓަރު ޖޮއެލް ސޫޒާ ވަނީ ޒަހަމުވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ސެންޓާ ފޭ ގެ ހުޅަނގުގައި ހުންނަ ބޮނާންޒާ ކްރީކް ރޭންޗުގައި ''ރަސްޓު''ގެ މަންޒަރުތަކެއް ނަގަމުން ދިއުމުގެ ތެރޭގައެވެ. 42 އަހަރުގެ ހަޗިންސް މަރުވެފައިވަނީ ވަޒަން އެރުމާއެކު ހެލިކޮޕްޓަރުގެ އެހީގައި މެކްސިކޯގެ އަލްބަކާކް ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން ދަނިކޮށެވެ. ފިލްމުގެ ޑައިރެކްޓަރު ކަމަށްވާ އުމުރުން 48 އަހަރުގެ ސޫޒާ ވަނީ ސެންޓާ ފޭ ގައި ހުންނަ ކްރިސްޓަސް ސެއިންޓު ވިންސެންޓް ރީޖަނަލް މެޑިކަލް ސެންޓަރަށް އެމްބިއުލާންސުގައި ވަގުތުން ގެންދެވިފައެވެ.

ސެންޓާ ފޭ ނިއު މެކްސިކަން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަޗިންސް އަދި ސޫޒާގެ ގަޔަށް ބަޑީގެ ހަމަލާ އަރާފައިވަނީ 68 އަހަރުގެ އެލެކް ބޯލްޑްވިން އަތުން ކަމަށާއި އެކަމާ އޭނާއާ ފުލުހުން ސުވާލުކޮށްފައިވާ ކަމަށެވެ. މި ހަމަލާއާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށާއި މީހެއްގެ މައްޗަށް ދައުވާކޮށްފައިނުވާ އިރު، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް އެ ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.