މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުން ދަސްވި ފިލާވަޅުތައް އެއް ބަޔަކު އަނެއް ބަޔަކާ ހިއްސާކޮށް، ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ގޮވާލައްވައިފިއެވެ.
ކޮވިޑް-19އާ ގުޅޭ ހައި-ލެވެލް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވަނީ ކޮވިޑުގެ ހާލަތުން ކުރިއަށްވުރެ ރަނގަޅަށް އަރައިގަނެ، އެއްވެސް ގައުމެއް ބާކީ ނުކޮށް އެގައުމުގައި މަސައްކަތް ކުރުމަށްވެސް ގޮވާލައްވައިފައެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ، ލިމިޓެޑް ފަންޑަކާއެކު ގިނަ ކަންކަން ކުރަން ބަލިމަޑުކަމުގެ ތެރޭގައި މަޖުބޫރުވެފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑުން ދަސްވި އެންމެ މުހިންމު އެއް ފިލާވަޅަކީ ގައުމީ ފެންވަރުގެ ސޭފްޓީ ރިސްކް މެނޭޖްމަންޓެއްގެ މުހިންމުކަން ކަމަށް ވިދާޅުވިއެވެ.
"ކޮންމެއަކަސް، ރާއްޖެއިން ބަލިމަޑުކަން ނެގީ ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި. އެގޮތުން މިދިޔަ އަހަރު، ރާއްޖެއިން ފުރަތަމަ ފަހަރަށް ވަނީ، ސްޓޭޓް ސޭފްރީ ޕްރޮގްރާމަކާއި ސޭފްޓީ ޕްލޭނެއް ނެރެފައި،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ރާއްޖެއިން އެންމެ ބޮޑަށް ސަމާލުކަން ދެނީ ބަލިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ކުރިމަތިވާ ހުރަސްތަކާ ކުރިމަތިލުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށެވެ.
އަދި ކޮވިޑުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ އިރުޝާދާއި ހުށަހެޅުންތައް ބޭނުންކުރަމުން ގެންދާ ކަމަށާއި އޭގެ މައްޗަށް ބިނާކޮށް، ދިވެހި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށާއި ރާއްޖޭގެ އެއާޕޯޓުތަކަށާއި އެއާލައިން އޮޕަރޭޓަރުންނަށާއި އަދި އޭވިއޭޝަން ސެކިއުރިޓީއަށް އެހީތެރިވުމަށްޓަކައި އަމިއްލައަށް ގައިޑެންސް މެޓީރިއަލް ނެރެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ، ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ހާލަތު ރަނގަޅުވަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޯގަސްޓު މަހުގެ 21ގެ ނިޔަލަށް އޭވިއޭޝަން ދާއިރާގެ ހާލަތު 65 ޕަސެންޓް ރަނގަޅުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު