ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން މަސްތުވާތެކީގައި މައްސަލައިގައި ހައްޔަރުކުރެވި އަދިވެސް އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.
މިމައްސަލައިގެ ތެރެއަށް އެންމެފަހުން އިތުރުވެފައިވާ ނަމަކީ ބަތަލާ އަނަންޔާ ޕާންޑޭ އެވެ. ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން އަނަންޔާ ދިރިއުޅޭ ގެއަށް ގޮސް ސުވާލުކޮށްފައިވަނީ އާރްޔަން ހާން އަށް ގަންޖާ ހަމަޖައްސައިދެވިދާނެކަމަށް އޭނާ ބުނެފައިވާތީ ކަމަށް ބުނެއެވެ. ނަމަވެސް އަނަންޔާ ވަނީ އެއީ މަޖަލަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ އެންސީބީއަށް ބަޔާން ދީފައެވެ. އޭގެ ފަހުން ބައްޕަ ޗަންކީ ޕާންޑޭއާއެކު އިތުރަށް ބަޔާން ދިނުމަށް އަނަންޔާ އެންސީބީ އޮފީހަށް ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ މީޑިއާ ތަކުގައި އިއްޔެ ދައުރުކޮށްފައެވެ.
އިންޑިއާ ޓުޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންސީބީއަށް ވަނީ އާރްޔަން ހާން އާއި އަނަންޔާ މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކެއްގެ ޗެޓްލޮގެއް ސަމާލުކަމަށް އައިސްފައެވެ. ޗެޓްލޮގުގައި އާރްޔަން ވަނީ މަސްތުވާތަކެތި ލިބޭނެ ގޮތެއް ހަދައިދެވިދާނެތޯ އަނަންޔާ ގާތު އަހައިފައެވެ. އޭގެ ޖަވާބުގައި، އެކަން ހަމަޖައްސައިދެވިދާނެކަމުގައި އަނަންޔާ ބުނެފައިވާ ކަމަށެވެ. މި ޗެޓްލޮގު އަނަންޔާ އަށް އެންސީބީން ދެއްކުމުން އެއީ މަޖަލަކަށް ދެކެވުނު ވާހަކަތަކެއް ކަމަށް އަނަންޔާ ބުނިކަމަށް އެންސީބީން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އިތުރަށް ބަޔާން ނެގުމަށް އެންސީބީ އޮފީހަށް ހާޒިރުކުރުމަށް އެންގި ކަމުގައިވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އާރްޔަން އަށް އަނަންޔާ މަސްތުވާތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިންކަމުގެ އެއްވެސް ހެއްކެއް އަދި ހޯދިފައި ނުވާއިރު އަނަންޔާ ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ދައުވާތަކަށް އިންކާރު ކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި އާރްޔަން ހާން އޮކްޓޫބަރު 2 ވަނަ ދުވަހު ހައްޔަރުކުރެވިފައިވާއިރު އޭނާ މިނިވަން ކުރުމަށް ކުރާ މަސައްކަތަށް އަދި ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އާރްޔަން ހާންގެ ވަކީލުންގެ ޓީމުން އޭނާ ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެންމެފަހުގެ އަޑުއެހުމުންވެސް އާރްޔަން މިނިވަން ވާނެ ގޮތެއް ނުވެ އޮކްޓޫބަރު 30 ގެ ނިޔަލަށް އާރްޔަން ހާން ގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް