އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި 37 މިލިއަން ރުފިޔާގެ އަށް ޕްރޮޖެކްޓެއް ހިންގުމަށްޓަކައި އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުގެ ލާމަރުކަޒީ އުސޫލަށް ތާއީދު ކުރުމުގެ ގޮތުން "އެއިޓް ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓް" ގައި މިއަދު ސޮއި ކުރީ އެކި އިދާރާތައް މެދުވެރިކޮށް ހިންގަން ހަމަޖެހިފައިވާ އަށް ޕްރޮޖެކްޓެއްގެ އެމްއޯޔޫގައެވެ.

މި އެމްއޯޔޫތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

މި އެމްއޯޔޫތަކުގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގަކީ 2.4 މިލިޔަން ޑޮލަރު (36.5 މިލިޔަން ރުފިޔާ) ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ބުންޏެވެ.

  • ތ. ވޭމަންޑޫގައި މަގުބައްތި ޖެހުން
  • ތ. ތިމަރަފުށީގައި މަގުބައްތި ޖެހުން
  • އއ. ދަނގެތީ ކަލްޗަރަލް ސެންޓަރުގެ އިމާރާތް އެޅުން
  • ނ. މިލަަދޫގައި މަލްޓިޕާޕާސް ކައުންސިލް އިމާރާތް އެޅުން
  • ލ. މާބައިދޫ ގައި އައިސް ޕްލާންޓެއް އެޅުން
  • 5- ހއ. ދިއްދޫ، ލ.ގަން އަދި ގދ. ތިނަދޫ ސްކޫލްގެ އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓް ހަރުދަނާކުރުން
  • އެމްއެންޑީއެފަށް ދެ ސީއެމްބިއުލަންސް ގަތުން

ހައި ކޮމިޝަނުން ބުނީ މާޗު މަހުގެ ތެރޭގައި ހަމަޖެހުނު 85 މިލިޔަން ރުފިޔާގެ ގްރާންޓްގެ ދަށުން ކައުންސިލްތަަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12 ހައި އިމްޕެކްޓް ޕްރޮޖެކްޓްތައް މިހާރުވެސް ހިނގަމުންދާ ކަމަށެވެ. އަދި އިންޑިއާއިން ދިން 106 މިލިޔަން ރުފިޔާގެ އެހީގެ ދަށުން 18 ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި މި 30 މަޝްރޫއުގެ ތެރެއިން 14 މަޝްރޫއުގެ މަސައްކަތް ނިމިފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

އޭގެ އިތުރުން މި ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓްތަކަކީ ރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް ދިވެހި ސަރުކާރުން ހޮވާ މަޝްރޫއުތަކެއް ކަމަށާއި މި މަޝްރޫތައް ހިންގާނީ ރަށު އަދި ސިޓީ ކައުންސިލްތަކުން ކަމަށެވެ.