ޚަބަރު

އުމްރާނީ ތަރައްގީ އާއި ގެދޮރުވެރިކަމުގެ 151 މަޝްރޫއުގެ މަސައްކަތް ދަނީ ކުރެވެމުން: އަސްލަމް

އަލީ ޔާމިން

1

އުމްރާނީ ތަރައްގީ އާއި ގެދޮރުވެރިކަމުގެ 151 މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އއ. ހިމަންދޫ ބަނދަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މި ސަރުކާރުން އެކިއެކި މިނިސްޓްރީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 90 ޕަސަންޓް އެކި ސްޓޭޖުތަކުގައި ފަށައިގެން ކުރަމުން އަންނަ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ފެނުގެ 199 މަޝްރޫއެއްގައި ސޮއިކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 59 މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ނަރުދަމާ އެޅުމުގެ 90 މަޝްރޫއެއްގައި ސޮއިކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 64 ރަށުގެ އަމަލީ މަސައްކަތް ފަށައި 16 ރަށެއްގައި ނަރުދަމާގެ މަސައްކަތް ނިންމާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެގޮތުން 34 ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރަނީ އިންޑިއާގެ އެކްޒިމް ބޭންކުގެ އެހީގެ ދަށުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްވެސް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އުމްރާނީ ތަރައްގީ އާއި ގެދޮރުވެރިކަމުގެ 251 މަޝްރޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

"އުމްރާނީ ތަރައްގީ އާއި ގެދޮރުވެރިކަމުގެ 251 މަޝްރޫއެއްގައި މިހާރު ވަނީ ސޮއިކޮށްފައި. އޭގެ ތެރެއިން 151 މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިގެން މިހާރު ކުރިއަށް އެބަދޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ބަނދަރުތައް ޕްލޭން ކުރާނީ ޒަމާނަށް ފެތޭ ގޮތަށް އިންޖިނިއާޑް ސްޓްރަކްޗާ އަކަށް ކަމަށެވެ.