އއ.މަތިވެރި ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެ އަތޮޅުގެ ހަ ރަށަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރިއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.
މަތިވެރިއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް އެރަށް ހިއްކުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދު ފުޅެކެވެ.
ރައީސް ވިދާޅުވީ މަތިވެރި ފަދަ ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ވެވަޑައިގެންނެވި ވައުދު ވީހާ އަވަހަކަށް ފުއްދެވުމަށްޓަކައި އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
އެމްޓީސީސީގެ މަސައްކަތްތައް ހަލުއިވެގެން ދިއުމުން ބިންހިއްކުމުގެ މަޝްރޫއުތައް އަވަސްވެ، ބިން ހިއްކުމުގެ ވައުދުތައްދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މަތިވެރި ސިއްހީ މަރުކަޒަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވުމަށް ނިންމަވާފައިވާ ކަމަށާއި އެހެންކަމުން އަންނަ އަހަރު އެމަރުކަޒު ބޮޑުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަހަރުގެ މެދުތެރޭގައި މަތިވެރީގެ ގޭގެއަށް ފެން ގުޅައިދެވޭނެ ކަމަށާއި ސްކޫލްގެ ކްލާސް ރޫމް އިތުރުކޮށް، މަލްޓިޕާޕަސް ހޯލުގެ މަސައްކަތް އަންނަ އަހަރު ނިންމައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު