ޚަބަރު

ހަންޏާމީދޫ ކައުންސިލުގެ ޑެޕިއުޓީ ޑިރެކްޓަރު ކަމަށް މުވައްޒަފަކު އައްޔަން ނުކުރަން ވަގުތީ އަމުރެއް ނެރެފި

އިބްރާހިމް ޒަކީ

އދ. ހަންޏާމީދޫ ކައުންސިލް އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަން ނުކުރުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަގުތީ އަމުރެއް ނެރެފިއެވެ.

މިއީ އެ ކައުންސިލް އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމު އަދާކުރަމުންދިޔަ ހާލިދު އަހުމަދު މަގާމުން ވަކިކުރުމާ ގުޅިގެން އޭނާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަށް ގޮތެއް ނިމެންދެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ނެރެދިނުމަށް އެދި އޭނާގެ ފަރާތުން ހުށަހެޅުމާ ގުޅިގެން ނެރުނު އަމުރެކެވެ.

ހާލިދު ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ކަނޑައަޅައި އެ ވަޒީފާ އަލުން ހޯދުމަށެވެ.

މައުލޫއީގޮތުން އެ މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ކުރިން ހަންޏާމީދޫ ކައުންސިލް އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަންކޮށްފިނަމަ، ނުވަތަ ވަޒީފާގެ އޮނިގަނޑުން އެ މަގާމު އުނިކޮށްފިނަމަ، އެ މައްސަލަ ބަލައި އޭނާގެ ވަޒީފާ އިއާދަކޮށްދިނުމަށް ޓްރައިބިއުނަލުން ކަނޑައަޅާ ހާލަތެއްގައި، ވަޒީފާ އަދާކުރުމަށް އޭނާއަށް ހުރަސް އެޅި، އޭނާގެ ގާނޫނީ އަދި އަސާސީ ހައްގަށް އުނިކަން ލިބޭނެ ކަމަށް ވަގުތީ އަމުރަށް އެދި ހުށަހެޅި މައްސަލައިގައި ހާލިދު ބުނެފައިވެއެވެ.

އޭގެ އިތުރުން އެ ވަޒީފާއަށް އެހެން ފަރާތެއް ދާއިމީކޮށް ހަމަޖައްސައިފި ނަމަ އެފަރާތަށް ވެސް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެންދާނެކަން ފާހަގަކޮށް، ވަޒީފާއިން ވަކިކުރި މައްސަލައިގައި، ފައިސަލާ ކުރަނިވި ނިންމުމެއް ނިންމުމުގެ ކުރިން އެ މަގާމަށް މުވައްޒަފަކު އައްޔަން ނުކުރުމަށް ނުވަތަ ވަޒީފާގެ އޮނިގަނޑުން އެ މަގާމު އުނިނުކުރުމަށް އަމުރުކޮށް، ސިވިލް ސާވިސްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ހާލިދު ވަނީ އެދިފައެވެ.

އަމުރު ނެރެދިނުމަށް އެދި އޭނާ ހުށަހެޅި މައްސަލަ ބެލުމަށްފަހު، ޓްރައިބިއުނަލުން ބުނެފައި ވަނީ، އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެ ނަމަ، މައުލޫއީގޮތުން ޓްރައިބިއުނަލުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި އެއްޗެއް އަންގަންދެން، އެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ދާއިމީ މުވައްޒަފަކު އައްޔަން ނުކުރުމަށާއި، އެ ވަޒީފާއަށް ދާއިމީ މުވައްޒަފަކު އައްޔަންކުރުމަށްޓަކައި މަސައްކަތަކުރަމުންދާ ނަމަ އެ މަސައްކަތް ވަގުތީގޮތުން ހުއްޓައިލުމަށާއި، މައްސަލައިގައި ޓްރައިބިއުނަލުން ނިންމާ ނިންމުމެއް ތަންފީޒު ކުރުމަށް ހުރަސްއެޅި، އެ ނިންމުމުގެ ގާނޫނީ ބާރުވެރިކަން ގެއްލޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރު ކުރާ ކަމަށެވެ.