ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް އަންނަ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކުރިން ތާވަލު ކޮށްފައި އޮތީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފަށާ ގޮތަށް ނަމަވެސް އެ މުއްދަތު ވަނީ ކުޑަކޮށް ފަސްކޮށްލައިފައެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ކްލަބު މޯލްޑިވްސްގެ ސްޕޯޓްސް ޑިރެކްޓަރު އިސްމާއީލް ސުވައިދު ވިދާޅުވީ މުބާރާތް ކުޑަކޮށް ފަސްކޮށްލަން ޖެހުނީ ތައްޔާރީތަކަށް ވަގުތު ހޯދުމަށް ކަމަށެވެ. ސުވައިދު އިތުރަށް ވިދާޅުވީ މުބާރާތުގެ ފެންވަރަށް ބަދަލެއް ނާންނާނެ ކަމަށާއި، ޔަގީންނުންވެސް ބަލާ ހިތްވާ ފަދަ ވަރުގަދަ މުބާރާތެއް މިފަހަރުވެސް ފެނިގެންދާނެ ކަމަށެވެ.

ކޮންމެ އަހަރަކު ކާމިޔާބުކަމާއެކު ބާއްވަމުން އައި ކްލަބު މޯލްޑިވްސް ކަޕް، މިދިޔަ އަހަރު ނުބޭއްވުނީ ކޮވިޑް 19 ގެ ސަބަބުންނެވެ. ފުރަތަމަ މިދިޔަ އަހަރު އޭފްރީލް މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ކްލަބް މޯލްޑިވްސް ކަޕް، އެ އަހަރުގެ ނޮވެމްބަރު މަހުގެ މެދުތެރޭގައި ބާއްވަން މަސައްކަތްކުރި ނަމަވެސް ހާލަތު އޮތްގޮތުން އޭރުވެސް މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ.

ކްލަބު މޯލްޑިވްސްއިން އިއުލާން ކޮށްފައިވާ ގޮތުގައި ކްލަބު މޯލްޑިވްސް ކަޕުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ދެ މުބާރާތްވެސް އަންނަ މަހު 20 ވަނަ ދުވަހު ފެށޭނެއެވެ. މިއަހަރުވެސް ފިރިހެން ޑިވިޝަނަށް ހުޅުވާލާނީ 32 ޓީމަށް ކަމަށް ކްލަބު މޯލްޑިވްސް އިން ބުނެއެވެ. ޓީމުތަކުން މިހާރުވެސް ފޯރިގައި ފަރިތަކުރުންތައް ކުރަމުންދާ އިރު، ޓީމުތަކުން ދަނީ މަޝްހޫރު ތަރިން އިއުލާނުވެސް ކުރަމުންނެވެ.

ރާއްޖޭގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކްލަބު މޯލްޑިވްސް ބާއްވާތާ 14 އަހަރު ވެއްޖެއެވެ. އެ މުބާރާތަކީ ރާއްޖެއަށް ފުޓްސަލްގެ ފޯރި ގެނެސްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި މުބާރާތެވެ. ރާއްޖޭގެ އެންމެ ވަރުގަދަ، މަޝްހޫރު ފުޓްސަލް ކުޅުންތެރިންވެސް ކްލަބު މޯލްޑިވްސްއިން ތައާރާފުވެގެން އައި އިރު، އެ މުބާރާތަކީ އަދިވެސް އެންމެ ޝަރަފުވެރި އެއް މުބާރާތެވެ. މުބާރާތުގައި އަބަދުވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ވިދުން ގަދަ ތަރިން ފެނިގެންދެއެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ކްލަބު މޯލްޑިވްސް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލް ހޯދާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.