ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާން ތިމާވެއްޓަށް ދެއްވާ އަހައްމިޔަތުކަން އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފާހަގަކުރައްވައިފިއެވެ.
އދ.ގެ އާއްމު މަޖިލީހުގެ ސެކަންޑް ކޮމިޓީގެ ބައްދަލުވުމުގައި ތިމާވެއްޓާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅު ނިންމާލައްވަމުން ޝާހިދު ވިދާޅުވީ، އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވާފައިވާ ކަމަށާއި އުއްތަމަ ފަނޑިޔާރު އަބަދުވެސް އޮފީހުގެ ބޮކިތައް ނިއްވާލައި، ދުވާލު ގަޑީގައި ކަރަންޓު ބޭނުން ކުރެއްވުމުގެ ބަދަލުގައި އިރުގެ އަލިކަން ބޭނުންކުރެވެން އޮތް ކޮންމެ ހިނދެއްގައި ބޭނުންކުރުމަށް އިހުތިޔާރުކުރާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެއީ ކިތަންމެ ކުޑަކަމެއް ކަމުގައިވީ ނަމަވެސް އުއްތަމަ ފަނޑިޔާރު އެކަން ކުރައްވަނީ އެއީ ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. މިކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، އަދި މިފަދަ ބިލިއަނެއްހާ ކުޑަ އަމަލުތަކެއްގެ ސަބަބުން ބޮޑެތި ނަތީޖާ ނެރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދު ވަނީ، އދ.ގައި އަދި ސެކަންޑު ކޮމިޓީގައި ވެސް ހަރުދަނާ ބަދަލެއް ގެނައުމަށް މެމްބަރު ގައުމުތަކުން ކިތަންމެ ކުޑަ ނަމަވެސް ކޮށްދެވެން ހުރި ކަންތަކާ މެދު ވިސްނާލެއްވުމަށް އެދިވަޑައިގެންފައެވެ.
އެ ކޮމިޓީގައި އިތުރަށް ވާހަކަދައްކަވަމުން ޝާހިދު ވަނީ މުހިންމު ހަތަރު ކަމަކަށް އަލި އަޅުއްވާލައިފައެވެ. އެއީ ކޮވިޑް ވެކްސިން ލިބުމުގައި ހުރި ދަތިތައް ފިލުވާލައި، ދެމެހެެއްޓެނިވި ތަރައްގީގެ ލަޑުދަނޑިތައް ހާސިލުކުރުމުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކުން އަރައިގަތުމުގެ އިތުރުން އާމްދަނީ މަދުން ލިބޭ ގައުމުތަކުގައި އައު ޓެކްނޮލޮޖީ ބޭނުންކުރުމަށް ހުރި ހުރަސްތައް ފިލުވާލުމާ ގުޅޭގޮތުންނެވެ. އޭގެ އިތުރުން މާލީ އަދި ދެމެހެއްޓެނެވި ގޮތެއްގައި ހީނަރުކަމުން އަރައިގަތުމަށް ގައުމުތަކަށް މާލީ އެހީތެރިކަމާއި ފައިސާ ލިބުމުގައި ހުރި ދަތިތައް ފިލުވައިލުމާ ގުޅޭ ގޮތުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު