70 އަހަރުގެ މީހަކަށް އަލަތު ދަރިފުޅު ލިބިއްޖެއެވެ.

ގުޖަރާތުގައި ދިރިއުޅެމުން އަންނަ އަންހެނަކަށް އޭނާގެ އަލަތު ދަރިފުޅު ލިބިފައިވަނީ ސިޒޭރިއަން ހަދައިގެން މިދިޔަ މަހުގެ ތެރޭގައެވެ. ގުޖުރާތުގެ ކުޑަ އަވަށެއްގައި ދިރިއުޅެމުން ދިޔަ ޖިވުބެން ވަލަބައި ރަބަރެން އަދި އޭނާގެ ފިރިމީހާ ވަލްޖިބާއީ ރަބަރެން އަށް އެތައް ޒަމާންތަކެއް ވީއިރުވެސް ދަރިޔަކު ލިބިފައެއް ނުވެއެވެ. ޖިވުބެން އަލަތު ދަރިފުޅަށް ބަލިވެ އިނދެފައިވަނީ އައިވީއެފް ހަދައިގެންނެވެ. ޖިވުބެންގެ އަސްލު އުމުރު ކަށަވަރުކޮށްދޭނޭ ލިޔެކިޔުމެއް އޭނާ އަތުގައި ނެތް ނަމަވެސް ދަރިޔަކު ހޯދުމުގެ ފޮނި އުއްމީދުގެ މަތީގައި އުޅޭތާ 65-70 އަހަރު ވެފައިވާކަމަށް އޭނާއަށް ފަރުވާކުރި ޑޮކްޓަރުން ގާތުގައިވަނީ ބުނެފައެވެ. އަދި އަލަތު ދަރިފުޅު ލިބިފައިމިވަނީ އޭނާގެ ކައިވެންޏަށް 45 އަހަރު ވެފައިވަނިކޮށް ކަމަށް އޭނާ ބުނެއެވެ.

އައިވީއެފް ހެދުމަށް ބޭނުންވެގެން ޑރ. ނަރޭޝް ބަނުޝަލީ ގާތަށް ޖިވުބެން ދިއުމުންވެސް އެއީ އެ އުމުރުގައި ކުރުން އެހާ ރައްކާތެރިކަމެއް ނޫންކަމަށް ނަސޭހަތްތެރިވިކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ. ނަމަވެސް ޖިވުބެން ބޭނުންވެގެން އޭނާގެ ރުހުމުގައި އެކަން ކުރިއަށް ގެންގޮސްފައިވާކަމަށް ޑރ. ނަރޭޝް ބުނެއެވެ.

އައިވީއެފް ހަދައިގެން ޖިވުބެން ބަލިވެ އިނުމުން ޑޮކްޓަރުންގެ ޓީމުން ވަނީ ސިއްހީ ހާލަތު ވަރަށް ގާތުން ބަލަމުން ގޮސްފައި ކަމަށާއި މަންމަގެ ރަހިމުގައި ކުއްޖާ ރަނގަޅަށް ހެދި ބޮޑުވަމުން އާދޭތޯ ބަލަމުން ގޮސްފައިވާ ކަމަށް ޑރ. ނަރޭޝްގެ ޓީމުން ވަނީ ބުނެފައެވެ.

ދިގު މުއްދަތަށް ބޭސްކުރާ ބޮޑު ބައްޔެއް ޖިވުބެންގެ ނެތް ނަމަވެސް އުމުރުގެ ސަބަބުން އޭނާގެ ލޭގެ ޕުރެޝަރަށް ބަލައި އެ ޓީމުން ނިންމީ ޖިވުބެންގެ ދަރިފުޅު ސިޒޭރިއަން ހަދައިގެން އުފަން ކުރުވުމަށެވެ. އެގޮތުން ބަނޑަށް އަށް މަސް ފުރުމުން ސިޒޭރިއަން ހަދައިގެން ކުއްޖާ ނެގި ކަމަށާއި ތުއްތު ދަރިފުޅާއި ޖިވުބެންގެ ހާލުވެސް ރަނގަޅުކަމުގައި ވަނީ ފާހަގަކޮށްފައެވެ.

ޖިވުބެން އަދި ވަލްޖިބާއީ ރަބަރެން އަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު އެކުއްޖާއަށް ދީފައިވާ ނަމަކީ ލާލޯ އެވެ.