ހިޖުރަކުރާ ދޫނި ހިފާނަމަ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެދިއްޖެއެވެ.

އެ ކޮމިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި ދުވަސްވަރަކީ ހިޖުރަކުރާ ދޫނި ގިނަ އަދަދަކަށް ރާއްޖޭއަށް އަންނަމުންދާ ދުވަސްވަރަކަށް ވެފައި، އެ ތަކެއްޗަށް ގޯނާކޮށް، ގެއްލުންދީ އަދި އެ ތަކެތި ހިފައި ވިއްކާކަން ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ހިޖުރަކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލުގައި ވަރަށް މުހިންމު ތަކެތި ކަމަށާއި އެތަކެތީގެ އާބާދީއަށް ގެއްލުން ލިބިދާނެފަދަ އެންމެހައި ކަންކަމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ދަށުން ހަދާފައިވާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު ދަށުން މަނާކޮށް، އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަދަބު ކަނޑައެޅިފައިވާ ކަންކަން ކަމަށް ކޮމިޓީން ބުންޏެވެ.

އެހެން ނަމަވެސް ހިޖުރަކުރާ ދޫނިތައް ހިފައި އެތަކެއްޗަށް ގޯނާ ކުރަމުން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށާއި ހިޖުރަކުރާ ދޫނިތަކުގެ ގުދުރަތީ ދިރިއުޅުން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޓީން ވަނީ ގޮވާލައިފައެވެ.

އޭގެ އިތުރުން ހިޖުރަކުރާ ދޫނިތަކަށް ކުރާ ގޯނާ ހުއްޓުވުމަށާއި އެތަކެއްޗަށް ދޭންޖެހޭ ހިމާޔަތް ދިނުމުގައި ކަމާގުޅޭ އެންމެހައި މުއައްސަސާތަކުންނާއި. ހާއްސަކޮށް ލޯކަލް ކައުންސިލުތަކުން އަދާކުރަންޖެހޭ ފުރިހަމަ ޒިންމާ އަދަކުރުމަށް ވަނީ އެދިފައެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވައި ގާނޫނާއި ގަވާއިދުގެ ދަށުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްވެސް ކޮމިޓީން ވަނީ އެދިފައެވެ.

ކޮމިޓީން މިގޮތަށް ބުނެފައި މިވަނީ މި ދުވަސްވަރު ރާއްޖެއަށް ހިޖުރަ ކުރަމުން އަންނަ، ރާއްޖެއިން ނުފެންނަ ވައްތަރުގެ ދޫންޏެއް ކަމަށްވާ ފްލެމިންގޯ ދާ ޖަހައިގެން ހިފައި އެ ވިއްކަމުންދާ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ދޫނިތައް ހިޖުރަ ކުރާ ދުވަސް ވަރަކަށް ވުމުން އީޕީއޭ އިން މީގެ ކުރިންވެސް ވަނީ އެ ދޫނިތައް ހިފައި ގެންގުޅެ ވިއްކާ ހެދުން މަނާކޮށްފަ އެވެ. އަދި މިފަދަ ކަމެއް ކޮށްފި ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.