އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، ދައުލަތުގެ ބަޖެޓާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވަނީ އެކަން ޔަގީންކޮށްދެއްވައިފައެވެ.

މަބްރޫކު ވިދާޅުވީ، ރޭ ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި، މެންބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުން ބަޖެޓުގައި ހިމަނާނެ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމަށެވެ.

މީގެ އިތުރުން ބަޖެޓުގައި ހިމަނަން ޖެހޭ ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ މުހިއްމު ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބަޖެޓުން އިސްކަން ދިނުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކޮށްފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އަންނަ އަހަރަށް ލަފާކޮށް 37 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަލަން ހަމަޖެހިފައިވާ ކަމަށެވެ.