ދައުލަތުގެ ބަޖެޓަށްވުރެ ކުރިން އޮޑިޓާ ޖެނަރަލް އޮފީހުގެ ބަޖެޓް ފާސްކުރަން ޖެހެނީ، ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ ސުޕްރީމް އޯޑިޓް އިންސްޓިޓިއުޝަންގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ހިމެނިފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު އޮޑިޓް އޮފީހަށް 90.3 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްދާ ބަހުސާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، ފައިނޭޝަލް ގޮތުންނާއި، އިދާރީ އަދި އެޑްމިނިސްޓްރޭޓިވް އޮޓޯނަމީއެއް އޮންނަ ތަނަކަށް އޯޑިޓް އޮފީސް ވާން ޖެހޭނެ ކަމަށް އެ ޖަމާއަތުގެ އަށްވަނަ އުސޫލުގައި ބުނެފައިވާ ކަމަށެވެ.
އެ އޮފީހަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ޖާގަ އާއި ތަކެތި ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި، އެކަންކަމަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ ބަޖެޓް ދައުލަތުގެ ބަޖެޓްގެ ކުރިން ފާސްކުރަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ އަހަރަށް އަމާޒުކޮށް އޮޑިޓާޖެނެރަލްގެ އޮފީހުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި ބަޖެޓާމެދު ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތީން ބައެއް ބަދަލުތައް ގެނެސް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން އެ ކޮމިޓީން ފާސްކޮށް މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
އަންނަ 2022 ވަނަ އަހަރަށް ބޭނުންވެގެން އޮޑިޓް އޮފީހުން މާލިއްޔަތު ކޮމެޓީއަށް ހުށަހެޅީ، ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 63 މިލިޔަން ރުފީޔާ އާއި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އޮޑިޓް އޮފީހުގެ އާ އިމާރާތް ހެދުމަށް ބޭނުންވާ 55 މިލިޔަން ރުފިއާޔާއެކު 118 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެކެވެ.
ނަމަވެސް އެ ބަޖެޓަށް ކޮމެޓީގައި މަޝްވަރާ ކުރުމަށްފަހު، ފިނޭންސް މިނިސްޓްރީގެ ލަފައާއެކު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 60.3 މިލިޔަން ރުފީޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އޮޑިޓް އޮފީހުގެ އާ އިމާރާތް ހެދުމަށް 30 މިލިޔަން ރުފިޔާ ހިމެނުމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.
ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރަދުގެ ގޮތުގައި 60،315،293 ރުފިޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ގޮތުން، އެ އޮފީހުގެ އާ އިމާރާތުގެ މަސައްކަތަށް 30,000,000 ރުފިޔާއާއެކު 2022 ވަނަ އަހަަރަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓާ ޖެނެރަލްގެ އޮފީހަށް ޖުމުލަ 90،315،293 ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށް ކޮމިޓިން ވަނީ ހުށަހަޅައިފައެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު