ކުޅިވަރު

އުމުރުން 37 އަހަރުގައި ސާފް ތަށި ކިހިލި ޖަހާލައިގެން ދިޔަ ޗެތުރީގެ ކެރިއަރުން ނަގަން ޖެހޭ ފިލާވަޅުތައް

މުޙައްމަދު ޝަމްޢޫން

މިއީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތެރީގެ ވާހަކަ ގިނަ ދުވަސް ކޮޅަކަށް ވެދާނެއެވެ. ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް "ކިހިލި" ޖަހާލައިގެން ޗެތުރީ ގެންދިއުން އެއީ އޭނާގެ ވާހަކަ ގިނަވި ސަބަބެކެވެ. އުމުރުން 37 އަހަރުވެސް މުބާރާތުގެ ޓޮޕް ސްކޯރާއަކީ އޭނާއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް ހަމަ ޗެތުރީއެވެ. އިންޑިއާގެ ކުޅުންތެރިޔަކަށް ވެ، ރާއްޖެ ކޮޅަށް އަށް ގޯލު ޖަހާފައިވުމުން ދިވެހީން އެންމެ ހިތް ސާފު ނޫން ނަމަވެސް ޗެތުރީއަށް އިހުތިރާމު ކުރަން ޖެހެއެވެ. އަލީ އަޝްފާގު (ދަގަނޑޭ) އާ ހުނަރުގެ ގޮތުން އަޅައި ނުކިޔޭނެކަންވެސް އެނގެއެވެ. އޭނާގެ ލެޖެންޑަރީ ކެރިއަރަށްވުރެ ޗެތުރީގެ ކެރިއަރު ބޮޑު ވަނީކީވެސް ނޫނެވެ. ބުރަ މަސައްކަތާއި ފުޓުބޯޅައަށް ޗެތުރީ ދޭ ލޯބި، މިއަދުގެ ޒުވާން ތަރިންނަށް ނަމޫނާއަކަށް ވަނީއެވެ.

"ޗެތުރީއަކީ ސަރަހައްދީ ފުޓުބޯޅައިގެ ޗެމްޕިއަނެއް. އެއީ ނަމޫނާ ކުޅުންތެރިޔަކަށް މިއަދުގެ ޒުވާން ތަރިން ބަލަންވެސް ޖެހޭ ކުޅުންތެރިއެއް. ޗެތުރީގެ ކެރިއަރުން އެ ދައްކުވައިދެނީ އަހުލާގާއި ޕްރޮފެޝަނަލިޒަމް. އެއީ ހަގީގަތުގައި ދިވެހި ކުޅުންތެރިންވެސް ބަލަން ޖެހޭނެ ނަމޫނާއެއް. ކެރިއަރުގައި ހިތްވަރު ކުރަން ޖެހޭނީ އެކަމަށް ވަރަށް ބޮޑަށް ހުސްވެގެން. އެ ވަގުތުތައް ފުޓުބޯޅައަށް ހޭދަކޮށްގެން،" ރާއްޖޭގެ އެންމެ ކުޅަދާނަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ޗެތުރީ އާ ގުޅޭ ގޮތުން ފައިނަލް މެޗުގެ އެނަލިސްޓެއްގެ ގޮތުގައި އިނދެ ބުނެފައިވެއެވެ.

ދަގަނޑޭގެ އުމުރުން 36 އަހަރުގައި އޭނާއަކީ އަދިވެސް ދިވެހި ޓީމުގެ ތަރިއެވެ. ޗެތުރީގެ އުމުރުން 37 އަހަރުގައި އޭނާއަކީ އިންޑިއާ ޓީމުގެ އުންމީދެވެ. މި "ޓަފް" ދެ ކުޅުންތެރިންގެވެސް އެންމެ މުހިއްމު ފެކްޓާއަކީ ހިތްވަރާއި ބުރަ މަސައްކަތެވެ. ހާއްސަކޮށް ޗެތުރީގެ ފިޒިކަލް ރޫޓީންތަކާއި ޑައިޓުގެ ވާހަކައަކީ އަބަދުހެން ދައްކަމުން އަންނަ ވާހަކައެކެވެ. މުޅި އިންޑިއާގެ ހުރިހާ އެތުލީޓުންނަށް ބަލާއިރުވެސް ޗެތުރީއަކީ ފާހަގަކޮށްލެވޭ އެތުލީޓެކެވެ.

ކެއުމުގެ ހާއްސަ ރޫޓިންއެއް، ނިދުމުގެ ހާއްސަ ރޫޓިންއެއް

"ވަރަށް މުހިއްމު ކަމެއް އެންމެ ހެނދުނު ހޭލުން. އޭރުން ރަނގަޅު ހަކަތައެއްގައި ދުވަސް ފެށޭނީ. އެންމެ މަދުވެގެން ކޮންމެ ދުވަހަކު ހަތް ގަޑިއިރު ނިދަން ޖެހޭނެ. ހެނދުނަކީ ސިކުނޑި ތާޒާކަންމަތީ މާ ބޮޑަށް ނުވިސްނައި ހުންނަން ޖެހޭނެ ވަގުތެއް. ހުރިހާ ހާލަތެއްގައިވެސް ތިބެން ޖެހޭނީ ޕޮޒިޓިވް ވިސްނުމެއްގައި. ހާއްސަކޮށް ހެނދުނު ކޮންމެވެސް ފިޒިކަލް އެކްޓިވިޓީއެއްގައި ޝާމިލުވާން ވާނެ. ދުވުމަކަށް، ނޫނީ ހިނގާލަންވެސް ދާން ވާނެ. ހާއްސަކޮށް ގާތްތިމާގެ، ލޯބިވާ މީހުންނާ އަބަދުވެސް ގުޅުން ބަދަހި ކުރަން ވާނެ. އެއީ އަބަދުވެސް އެންމެ ބޮޑަށް ހިތްވަރު ދޭނެ މީހަކީ،" ޗެތުރީގެ ނިދުމުގެ ޝެޑިއުލާ މެދު އޭނާ ކުރިން ބުނެފައިވެއެވެ.

ޗެތުރީގެ އިންސްޓާގްރާމުގައިވެސް އާންމުކޮށް ކަސްރަތާއި ޑައިޓުގެ ފޮޓޯތައް ހިއްސާކުރާއިރު، ފާހަގަވެފައި ވަނީ ޗެތުރީއަކީ ބައިސްކަލު ދުއްވުމާއި ފެތުމުގައިވެސް ހަރަކާތްތެރިވާ އެތުލީޓެއްގެ ގޮތުގައެވެ. ގަވައިދުން ޖިމްގައި ހަރަކާތްތެރިވާތަންވެސް ފެނެއެވެ. ދެން އޮތީ ޑައިޓުގެ ވާހަކައެކެވެ. އިންޑިއާގެ ނޫސްތަކުން ގިނަ ފަހަރުތަކެއް މަތިން ޗެތުރީ ކެއިންބުމުގައި ބޭނުންކުރާ ހަރުކަށި ވިސްނުން ހާމަކޮށްފައިވެއެވެ.

ނޫސްތަކުން ހާމަކޮށްފައިވާ ޑައިޓް ޕްލޭންތަކުގައި ވާ ގޮތުން ހެނދުނުގެ ކަސްރަތުގެ ކުރިން ބިހާއި ޖޫސް ފަދަ ތަކެތި ޗެތުރީ ކޮންމެ ދުވަހަކު ތަރުތީބުން ކައެވެ. އަދި އެއަށްފަހު ތަރުކާރީ ގިނައިން އެކުލެވޭ ސައެއް ބޮއެ ހެނދުނު ނާސްތާ ނިންމާލައެވެ. މެންދުރު އާންމުކޮށް ޗެތުރީ ކާ ކަމަށް ބުނެފައި ވަނީ ކުކުޅު ނޫނީ ކަނޑުމަހުގެ އިތުރުން ފެހިކުލަ ގަދަ ފަތާއި ތަރުކާރީއެވެ. އަދި ރޭގަނޑު މުގު އެކުލެވޭ ރިހައެއް ބޭނުން ކޮށް، ލުއި ކެއުމެއް ކާކަމަށް އޭނާ ބުނެފައިވެއެވެ. ޗެތުރީގެ ކާމިޔާބު ސިއްހަތުގެ އެންމެ ބޮޑު އެއް ސިއްރަކީ ގަޑިންގަޑިއަށް ބަރާބަރަށް ކެއުން ކަމަށް އޭނާ ބުނެފައިވެއެވެ. ވަގުތަށް ސަމާލުކަން ދީ ބަރާބަރަށް ކެއުން ކޮންމެ އެތުލީޓަކަށްވެސް މުހިއްމު ވާނެ ކަމަށް ޗެތުރީ ބުންޏެވެ.

ފުޓުބޯޅައަށް ތާއަބަދު ދޭ ލޯބި، ޒުވާން ކުޅުންތެރިންގެ ހިތްވަރަކަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޗެތުރީ ވަނީ ފަސް ގޯލު ޖަހައިފައެވެ. އޭނާއަކީ އަދިވެސް ކާމިޔާބީ ހޯދަން މަސައްކަތް ކުރާ، ކާމިޔާބީއަށް ފެން ބޮވައިގެންފައިވާ ކުޅުންތެރިއެއްކަން ކުޅުމުން ސާފުވެއެވެ. މޮޅުވާން އެންމެ ބޮޑަށް އެދޭތަން ފެންނަނީ އަދިވެސް ޗެތުރީގެ ފަރާތުންނެވެ. މެޗުގެ ކުރިން ކުރާ ވާމް އަޕުން ފެށިގެން ގޮސް، މެޗު ނިމެންދެން ޗެތުރީގެ އެ ބޭނުމަކަށް ހަމަ ކުޑަވެސް ބަދަލެއް އަންނަތަނެއް ނުފެނެއެވެ. ކޯޗުންވެސް އޭނާ ސިފަކުރީ އެ ބީދައިންނެވެ. ނުރައްކަލެއްގެ ގޮތުގައެވެ.

"ސުނިލް ޗެތުރީއާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަ ދެއްކިދާނެ. ތަޖުރިބާކާރެއް. ވަރަށް ވާދަވެރި ކުޅުންތެރިއެއް. ވަރަށް ބުރަ މަސައްކަތް ކުރާ ވަރަށް ހުނަރުވެރި، އެންމެ މަތީ ދަރަޖައިގެ ކުޅުންތެރިއެއް. މިނެޓެއް ވިޔަސް، ފަޅި ސިކުންތެއް ވިޔަސް، މިނެޓެއްގެ ފަޅިއެއް ލިބުނަސް ޗެތުރީ ފުރުސަތުގެ ބޭނުން ކުރާނެ. އެއީ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ. އެއީ އިންޑިއާގެ ޒުވާން ކުޅުންތެރިންގެ ހިތްވަރު. އޭނާއަކީ ޓީމުގެ ލީޑަރު، އެޓޭކް ލީޑު ކުރަނީވެސް ސުނިލް،" ބަންގުލަދޭޝްގެ ކޯޗު އޮސްކާ ބްރޫޒޮން ޗެތުރީ ސިފަކުރަމުން ބުނެފައިވެއެވެ.

ބަންގުލަދޭޝްއާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގައި ޗެތުރީއަށް ލިބުނު ފަޅި ޗާންސުގައި އޭނާ ގޯލު ޖެހިއެވެ. އެއީ ޗެތުރީ ދެއްކި ތަފާތެވެ. ޒުވާން ކުޅުންތެރިންނަށް އޭނާ ހިތްވަރު ދިނީ ތަފާތު ދައްކަމުންނެވެ. ފައިނަލާ ހަމައަށް އިންޑިއާ ދާން ބޭނުންކުރި އެންމެ ބޮޑު މޯޓިވޭޝަނަކީ ހަމަ ޗެތުރީ "ކަމޯން" އޭ ބުނެ އެ ދެއްކި ހިތްވަރެވެ.

"އިންޑިއާއަކީ އަޅުގަނޑު ކުރިންވެސް ފާހަގަކުރިހެން، މި ސަރަހައްދުގެ އެންމެ ނުފޫޒުގަދަ ގައުމު. އެމީހުން ކުޅޭ ސްޓައިލާއި، ކުޅުންތެރިންނަށް ބަލާއިރުވެސް އެންމެ ނުރައްކަލީ އިންޑިއާ. އެމީހުންގެ ނިންމާލުމަށް ބަލާއިރުވެސް އަޝްފާގުގެ ލެވެލްގައި، ނޫނީ އެއަށްވުރެވެސް ނުރައްކާކޮށް ސުނިލް ޗެތުރީ މި ފެންނަނީ ބައެއް ފަހަރު،" ރާއްޖެއިން އިންޑިއާ ކުރިމަތިލުމުގެ ކުރިން ކޯޗު އަލީ ސުޒޭންވެސް ޗެތުރީއަށް ތައުރީފު ކުރިއެވެ.

ރާއްޖެ ކޮޅަށް ޗެތުރީ ދެ ގޯލު ޖެހިއެވެ. މެޗުގައި އެއްކޮށް ކަހަލަ ގޮތަކަށް ޗެތުރީ ފެނުނީ ތަފާތު ރޫހެއްގައެވެ. އޭނާ ފައިނަލާ ހަމައަށް ނެރުނު ރޫހަކީ ހަމަ ސީދާ ޒުވާން ކުޅުންތެރިންނަށް ދެއްކި ރޫހެކެވެ. ފައިނަލަށް ފަހު އޭނާ ބުނެފައިވެސްވެއެވެ.

"މިއީ ފަސޭހަ މުބާރާތެއް ނޫން. އެންމެ ބޮޑަށް އުފާކުރަން ޖެހޭ ކަމަކީ ޒުވާން ކުޅުންތެރިން އިންޑިއާ ޓީމުގެ ތެރެއަށް އައިސް އެކުޅުންތެރިން ދެއްކި ކުޅުން. މިއީ އެ ކުޅުންތެރިންނަށް ހާއްސަ މުބާރާތެއް. އެ ކުޅުންތެރިން ކުރަމުން އަންނަ ހިތްވަރަށް އަހަރެން ވަރަށް އުފާކުރަން. މިއީ ޑޮމިނެންޓް ޓީމުގެ ގޮތުގައި އައިސް ކުރަން އުނދަގޫ ކަމެއް. އެހެންވީމަ މިއީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުވެ، ސަޕޯޓަރުންނާއެކުވެސް ލިބުނު ކާމިޔާބީއެއް،" ޗެތުރީ ފައިނަލް މެޗަށްފަހު ބުންޏެވެ.

ޗެތުރީއަކީ ސަރަހައްދީ ލެޖެންޑެކެވެ. ޗެތުރީއަކީ މި ސަރަހައްދުގެ ފުޓުބޯޅައިގައިވެސް ފެނުނު އެންމެ ކުޅަދާނަ އެއް ކުޅުންތެރިޔާއެވެ. އުމުރުން 37 އަހަރުގެ ޗެތުރީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 125 މެޗުން 80 ގޯލު ޖަހާފައިވާ އިރު، 80 ވަނަ ގޯލާއެކު ޗެތުރީ ވަނީ އާޖެންޓީނާގެ ލިއޮނެލް މެސީ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދާ އެއްވަރު ކޮށްފައެވެ. މެސީ އާއި ޗެތުރީއަކީ މިހާރު ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނައެވެ.