އަންނަ އަހަރު އޮޑިޓް އޮފީހަށް 90.3 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މިކަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، މާލިއްޔަތު ކޮމެޓީން އެ މައްސަލަ ދިރާސާކޮށް އެ ކޮމިޓީން ފާސްކޮށްގެންނެވެ. މި މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ، މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރު ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އެވެ.

އަންނަ އަހަރު އޮޑިޓް އޮފީހަށް 90.3 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ކޮމިޓީން ފާސްކުރީ އަންނަ އަހަރަށް އަމާޒުކޮށް އޮޑިޓާޖެނެރަލްގެ އޮފީހުން ކޮމިޓީއަށް ހުށަހެޅި ބަޖެޓާމެދު ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތީން ބައެއް ބަދަލުތައް ގެނައުމަށްފަހުގައެވެ.

އަންނަ 2022 ވަނަ އަހަރަށް ބޭނުންވެގެން އޮޑިޓް އޮފީހުން މާލިއްޔަތު ކޮމެޓީއަށް ހުށަހެޅީ، ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 63 މިލިޔަން ރުފީޔާ އާއި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އޮޑިޓް އޮފީހުގެ އާ އިމާރާތް ހެދުމަށް ބޭނުންވާ 55 މިލިޔަން ރުފިއާޔާއެކު 118 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް އެ ބަޖެޓަށް ކޮމެޓީގައި މަޝްވަރާ ކުރުމަށްފަހު، ފިނޭންސް މިނިސްޓްރީގެ ލަފައާއެކު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 60.3 މިލިޔަން ރުފީޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އޮޑިޓް އޮފީހުގެ އާ އިމާރާތް ހެދުމަށް 30 މިލިޔަން ރުފިޔާ ހިމެނުމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.

ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރަދުގެ ގޮތުގައި 60،315،293 ރުފިޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ގޮތުން، އެ އޮފީހުގެ އާ އިމާރާތުގެ މަސައްކަތަށް 30,000,000 ރުފިޔާއާއެކު 2022 ވަނަ އަހަަރަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓާ ޖެނެރަލްގެ އޮފީހަށް ޖުމުލަ 90،315،293 ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށް ކޮމިޓިން ވަނީ ހުށަހަޅައިފައެވެ.