ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާތަކުގައި މިހާތަނަށް 35 މީހަކު މަރުވެއްޖެއެވެ.
ކެރެއްލާއަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ކޯރުތައް ފުރިގެން ބަންޑުންވުމާއި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާތަކުގައި އަންނަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންނެވެ. މިފަދަ ހާދިސާތަކުގައި ބައެއް މީހުންގެ ގެދޮރު ބިމާއި ހަމަވެފައިވާއިރު ރެސްކިއު ޓީމުތަކުން އަންނަނީ އާއްމުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އެގައުމުގެ ނެޝަނަލް ޑިސާސްޓާ ރެސްޕޮންސް ފޯހުން 11 ޓީމެއް ކެރެލާގެ ދެކުނާއި މެެދުތެރޭގައި އަންނަނީ ހަރަކާތްތެރިވަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިހާތަނަށް ކެރެލާގެ ކޮޓަޔަމް ޑިސްޓްރިކްޓުގައި ހިނގި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގައި 11 މީހަކު މަރުވެފައިވާއިރު އިޑޮކި ޑިސްޓްރިކްޓުން މަރުވެފައިވާ 9 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މީގެ އިތުރުން ދެމީހަކަށް ވީނުވީއެއް ނޭނގި ވާއިރު މަލަޕުރަމް ޑިސްޓްރިކްޓުގައި މަހަށް ނުކުމެ އުޅުނު ތިން މީހަކު ވެސް ވަނީ ހޯދައި ނުފެނިފައެވެ.
ކެރެލާގެ ސްޓޭޓް ޑިސާސްޓާ މެނޭޖްމަންޓު އޮޓޯރިޓީގެ ކޮމިޝަނަރު ޑރ. އޭ.ކޯސިގަން ސީއެންއެން އަށް ބުނިގޮތުގައި މީހުން މަރުވެފައިވަނީ ހަމައެކަނި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާތަކުގައި އެކަންޏެއް ނޫނެވެ. ވެހިކަލެއްގައި ތާށިވެގެން ދެމީހަކު މަރުވެފައިވާއިރު ދެ ކުއްޖަކު ވަނީ ފާރެއް ވެއްޓިގެން ހިނގި ހާދިސާއެއްގައި ވެސް މަރުވެފައިކަމަށް އޭނާ ވަނީ ބުނެފައެވެ.
އެ ސްޓޭޓުގައި ހަރަކާތްތެރިވަމުން އަންނަ ރެސްކިއު ޓީމުތަކުން އަންނަނީ މިހާތަނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ކަށަވަރުކުރުމާއި މީހުން ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިހާތަނަށް އެއްހާހަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާއިރު 150 އަށް ވުރެ ގިނަ ރިލީފް ކޭމްޕުތައް ގާއިމުކޮށް ދެވިފައިވާ ކަމުގައި ޑިސާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ބުނެއެވެ.
އެ ސްޓޭޓަށް ބޯކޮށް ވިއްސާރަކުރަމުން ދަނީ ކެރެލާ އާއި އަރަބިއަން ކަނޑުގެ ދެކުނުން މަތީގައި އުފެދިފައިވާ ލޯ ޕުރެޝާ އޭރިއާގެ ސަބަބުން ކަމުގައި އެގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ. ހޯމަދުވަހަށް ފަހު މޫސުން ރަނގަޅުވާނެކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ކުރިން ލަފާކޮށްފައިވީނަމަވެސް ސީއެންއެން މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އަދި 50-100 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް ވަނީ ބުނެފައެވެ.
އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން އާދިއްތަ ދުވަހު ވަނީ އޮކްޓޫބަރު 20 ފެށިގެން ކުރިއަށް އޮތް 3-4 ދުވަހަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކެރެލާ ހިމެނޭހެން އިންޑިއާގެ ދެކުނަށް އަދިވެސް މޫސުން ގޯސްވާނެ ކަމަށާއި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ދިވެހިންވެސް އާއްމުކޮށް ދިރިއުޅޭ ކެރެލާ ސިޓީއަކީ 33 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ސްޓޭޓެކެވެ. އެ ސްޓޭޓަށް އާއްމުކޮށް މެއިމަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ކުރާ މޫސުމީ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ހިނގާ މިފަދަ ހާދިސާތައް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
2018 ވަނަ އަހަރުގެ އޯގަސްޓުމަހުގެ ތެރޭގައި ހިނގި މިފަދަ ހާދިސާތަކުގައި 324 މީހަކު މަރުވެފައިވާއިރު 300،000 މީހުންވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އަދި އެފަހަރު ކެރަލާއަށް ނިސްބަތްވާ 14 ޑިސްޓްރިކްޓުގެ ތެރެއިން 13 ޑިސްޓްރިކްޓަކަށް ރަތް ސަމާލު ނެރެފައިވާއިރު އެއީ މިފަހަކަށް އައިސް އެ ސްޓޭޓުގައި ހިނގި ފެންބޮޑުވުމުގެ އެންމެ ބޮޑު ހާދިސާކަމަށް ވަނީ ރެކޯޑް ކޮށްފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުން ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައި ނުވިނަމަވެސް، ކެރެލާގައި ދިވެހިން އާއްމުކޮށް ދިރިއުޅެމުންދާ ސަރަހައްދުތަކަށް އަންނަނީ ވިއްސާރައިގެ އަސަރުކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ