ކުޅިވަރު

ބެންޒެމާއަށް ބެލޮންޑިއޯ ހައްގު: ޒިދާން

ރެއާލް މެޑްރިޑްގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އަށް ބެލޮންޑިއޯ ހައްގު ކަމަށް ލެޖެންޑް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިވަގުތު ދުނިޔޭގައި އެންމެ ފޯމު ރަނގަޅުކޮށް ހުރި ފޯވަޑް ބެންޒެމާ މިހާތަނަށް މި ސީޒަނުގައި ކުޅުނު 10 މެޗުން 10 ގޯލު ޖަހައިފައިވެއެވެ. މިދިޔަ ސީޒަނުގައި އޭނާ ކުޅުނު 48 މެޗުން 33 ގޯލު ޖަހައިފައިވެއެވެ. ރެއާލް މެޑްރިޑްގައި ގިނަ ދުވަސްތަކެއް ވަންދެން ބެންޒެމާއަށް ކޯޗުކަން ކޮށްދިން ޒިދާންގެ ނަޒަރުގައި އެ ތަފާސްހިސާބުތަކަށް ބަލައި، ބެންޒެމާއަކީ މިހާރު ދުނިޔޭގެ އެންމެ ކުޅަދާނަ އެއް ކުޅުންތެރިޔާކަން ސާފުވެއެވެ.

"ކަރިމް ހުރީ ވަރަށް ރަނގަޅު ފޯމެއްގައި. އަހަރެންގެ ނަޒަރުގައި ބެލޮންޑިއޯ ދޭން އެންމެ ހައްގު މީހަކީވެސް ބެންޒެމާ،" 1998 ވަނަ އަހަރު ބެލޮންޑިއޯ ހޯދި މިޑްފީލްޑަރު ޒިދާން ބުންޏެވެ.

ޒިދާން ބުނެފައި ވަނީ ބެންޒެމާއަކީ އާދަޔާހިލާފަށް މޮޅު ކުޅުންތެރިއެއް ކަމަށާއި، އެފަދަ ކުޅުންތެރިއަކަށް ކޯޗުކަން ކޮށްދިނުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. ދަނޑުމަތީގައި ކުރަން ޖެހޭނެ ކަންކަން ވަރަށް ސާފުކޮށް އަބަދުވެސް ބެންޒެމާއަށް އެނގޭނެ ކަމަށާއި، ބެލޮންޑިއޯ އަކީ ބެންޒެމާއަށް ފުރިހަމައަށް ހައްގުވާނެ އެވޯޑެއް ކަމަށް ޒިދާން ފާހަގަކުރިއެވެ.

ބެންޒެމާ އަށް ބެލޮންޑިއޯ ލިބުމަށް އޮތް ފުރުސަތުތަކާއި ގުޅިގެން އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާވެސް ވަނީ ވާހަކަ ދައްކާފައެވެ. ވެންގާ ބުނެފައި ވަނީ މިފަހަރުގެ ބެލޮންޑިއޯ އަށް ރަސްމީ ފެވަރިޓެއް ނެތް ކަމަށާއި، ބެންޒެމާއަކީވެސް ލިބުން ގާތް ކުޅުންތެރިއެއް ކަމަށެވެ. ސަބަބަކީ ބެންޒެމާއަކީ މިދިޔަ ސީޒަނުގައިވެސް އެންމެ ނުރައްކާތެރި، އަދި އެންމެ އިތުބާރު ކުޅުންތެރިޔާ ގޮތުގައި ފާހަގަވެފައިވާ ކުޅުންތެރިޔާ ކަމަށް ވެންގާ ފާހަގަކުރިއެވެ.

ބެލޮންޑިއޯ އެވޯޑާ ގުޅިގެން ވާހަކަ ދައްކަމުން ބެންޒެމާ ބުނެފައި ވަނީ އެއީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި، ބެލޮންޑިއޯ ހޯދުމާ މިހާރު އޭނާ ހުރީ މާ ދުރުގައި ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ.