ޚަބަރު

ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ރެވެނިއު ސްޓޭމްޕް ރީފަންޑް ކޮށްދީފި

މުހައްމަދު އިޝާން

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމަށްފަހު މިހާތަނަށް ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްޓޭމްޕް ރީފަންޑް ކޮށްދީފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފި އެވެ.

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ގާނޫނު އުވާލުމަށް ހުށަހެޅީ މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް އެވެ. އޭނާގެ ހުށަހެޅެއްވުން ފާސްވެފައި ވަނީ، ޖަލްސާގައި ތިއްބެވި 45 މެންބަރުންގެ ތެރެއިން 44 ވޯޓު ދެއްވައިގެންނެެވެ. ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވައިލާން އާޒިމް ހުށަހެޅުއްވީ 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނެއް ކަމަށް ވެފައި، އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕު ޖެހުމުގެ ނިޒާމު ހިންގުމަށް ޓަކައި ހިނގާ ހަރަދާ އަޅައިބަލާ އިރު ލިބޭ އާމްދަނީ އަކީ އެކަށީގެންވާ އާމްދަނީއެއް ކަމުގައި ނުވާތީ އެވެ.

އެ ގާނޫނު އުވާލިތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އިއްޔެ އާއްމު ކުރި މިރާގެ ތަފާސްހިސާބުތަށް ބުނާ ގޮތުން އެ ގާނޫނު އުވާލި ހިސާބުން ފެށިގެން އިއްޔެއާ ހަމައަށް ވަނީ 995,167.20 ރުފިޔާގެ ސްޓޭމްޕް ރީފަންޑް ކޮށްދީފަ އެވެ. މީރާއިން ވަނީ އެ އޮތޯރިޓީން ވިއްކާފައިވާ ރެވެނިއު ސްޓޭމްޕް ރީފަންޑު ކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 15 ގެ ނިޔަލަށް އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.

މީރާއިން ބުނީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުން އެ އޮތޯރިޓީން ސްޓޭމްޕްގެ ތެރެއިން ބޭނުން ނުކުރެވިވާ ރެވެނިއު ސްޓޭމްޕް ރީފަންޑް ކުރަން "ސްޓޭމްޕް ރީފަންޑް ކުރުމަށް އެދޭ ފޯމު" ފުރުމަށް ފަހު މީރާއަށް ނުވަތަ އެ އޮތޯރިޓީން ހުޅުވާފައިވާ އޮފީހަކަށް ލާން އެދޭ ކަމަށެވެ.