މައިކްރޮސޮފްޓުގެ ވެރިޔާ ބިލް ގޭޓްސް އެކުންފުނީގެ އަންހެން މުވައްޒަފަކާ މައްލަވަކޮށް އިމެއިލް ކުރަމުން ދާތީ، އޭނާއަށް 2008 ވަނަ އަހަރު އިންޒާރުދިންކަމުގައި އެކުންފުނިން ބުނެފިއެވެ.

ވޯލްސްޓްރީޓް ޖާނަލްގެ ރިޕޯޓުކޮށްފައިވާ ގޮތުގައި މައިކްރޮސޮފްޓުގެ މިހާރުގެ ރައީސް އަދި ވައިސް ޗެއާ ބްރެޑް ސްމިތު އޭރު ޖެނެރަލް ކައުންސިލްގެ މަގާމުގައި ހުރިއިރު ބޯޑުން ވަނީ މި މައްސަލައިގައި ބިލް ގޭޓްސްއާ ބައްދަލުކޮށް އެކަން ހުއްޓާލުމަށް ނަސޭހަތްތެރި ވެފައެވެ. ކުންފުނީގެ ބޯޑުން ނަސޭހަތްތެރިވުމުގެ ސަބަބުން އެކަމަށް ގޭޓްސް އިންކާރުކޮށްފައި ނުވާ ކަމަށާއި އަދި އެކަން ކުރިއަށް ނުގެންގޮސް ހުއްޓާލާފައިކަމަށް ވޯލް ސްޓްރީޓުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ރިޕޯޓާ ގުޅިގެން ބިލް ގޭޓްސް ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ. އެގޮތުން މިއީ އެއްވެސް އަސާސެއް ނެތި ފަތުރަމުން ގޮސްފައިވާ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެ ގޭޓްސްގެ އަމިއްލަ އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ.

މި މައްސަލަ ފެންމަތިވެފައިމިވަނީ މިކަހަލަ އިތުރު މައްސަލައެއް މީގެ ކުރިންވެސް ނުކުމެފައިވަނިކޮށެވެ. ގޭޓްސް އާއެކު ގޯސް ގުޅުންތަކެއް އޮންނަ ކަމަށް ބުނެ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ އަންހެން މުވައްޒަފަކު މީގެ ކުރިން ގޭޓްސް އަށް ތުހުމަތުކޮށް ވާހަކަ ދައްކާފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށް 2019 ވަނަ އަހަރު އެކުންފުނިން ލޯ ފާމެއް އައްޔަނު ކުރިއެވެ. މި ތަހުގީގަށްފަހު ގޭޓްސް ވަނީ ކުންފުނީގެ ބޯޑުން މިދިޔަ އަހަރު ވަކިވެފައެވެ.

އޭނާގެ ވާހަކަތައް މީޑިއާތަކަށް މިފަހުން ތިލަވެގެންދިޔައީ އަންހެނުން މެލިންޑާ ގޭޓްސްއާއެކު އޭނާގެ 27 ގެ ކައިވެނި ނިމުމަކަށް ގެންނަން ނިންމި ހަބަރާއެކުގައެވެ. ބިލް ގޭޓްސް އަދި މެލިންޑާގެ ކައިވެނި އޯގަސްޓުމަހު ރަސްމީކޮށް ނިންމާލާފައިވީ ނަމަވެސް، ދެމީހުން އަދިވެސް އަންނަނީ ''ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން'' ހިންގަމުންނެވެ.

1975 ވަނަ އަހަރު ޕޯލް އެލެން އާ އެކު ގޭޓްސް އުފެއްދި ކުންފުނީގައި ގޭޓްސް އަކީ 2000 ވަނަ އަހަރުގެ ނިޔަލަށް މައިކްރޮސޮފްޓުގެ ސީއީއޯއެވެ. އެއަށްފަހު ގޭޓްސް ވަނީ ރަސްމީކޮށް ކޮންމެ ދުވަހަކު ނުކުމެގެން ކުރަން ޖެހޭ މަސައްކަތްތަކުން ދުރުވެ 2014 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ބޯޑުގެ ޗެއާމަންގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.

ވޯލްސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި މައިކްރޮސޮފްޓުގެ ތަރުޖަމާނު ފްރޭންކް ޝޯ ހާމަކުރިގޮތުގައި ކުންފުނީގެ ބޯޑުން 2008 ވަނަ އަހަރު ގޭޓްސްއަށް ނަސޭހަތްތެރިވެ އިންޒާރުދީފައިވަނީ ގޭޓްސް ފުލްޓައިމްކޮށް ވަޒީފާއަށް ނުކުތުން ހުއްޓާލުމުގެ ކުޑަދުވަސްކޮޅެއް ކުރީންނެވެ.