ރައްޔިތުންގެ މަޖިލިސް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ ކާބޯތަކެތީގެ ބިލު ހިޔާލަށް ހުޅުވާލައިފި

އިބްރާހިމް ޒަކީ

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ ކާބޯތަކެތީގެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މި ބިލަށް އެއްވެސް ހިޔާލެއް ނުވަތަ އިސްލާހެއް އޮތް ނަމަ އެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ އީމެއިލަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ކަމަށްވެސް ބުނެފައިވެއެވެ.

އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް އިސްލާހު ކުރުމަށް ފޮނުވާފައި ވަނީ އިޖުތިމާއީ ކޮމިޓީ އަށެވެ.

އެ ބިލުގައި ބުނެފައި ވަނީ ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި ނުވަތަ ކާބޯތަކެތި ގަޑުބަޑު ކުރުމަށް ބޭނުންކުރާ ބާވަތްތައް ނުވަތަ އަސްލު އޮޅޭ ގޮތަށް ލޭބަލް ކޮށްފައިވާ ކާބޯތަކެތި، ރާއްޖެ އެތެރެކޮށް ވިޔަފާރި ކުރާ ފަރާތްތައް 10،000 ރުފިޔާ އާއި 300،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ކާބޯތަކެތީގެ ތެރޭގައި މީހަކަށް ގެއްލުމެއް، ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާ ވެދާނެ ފަދަ އެއްޗެއް ހިމެނޭ ނަމަ އެ ފަރާތެއްގެ އަދަބަކީ، 750،000 އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށްވެސް ބިލުގައި ވެއެވެ.

ގަވާއިދާ ހިލާފު ވެއްޖެ ނަމަ ނުވަތަ މި ބިލުން މަނާކޮށްފައިވާ ތަކެތި އިމްޕޯޓު ކުރި ފަރާތެއް ނަމަ 100،000 ރުފިޔާއަށް ވުރެން ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ބިލުގަިއ ހިމަނާފައިވެއެވެ.

ސައްހަ ނޫން ވޮރަންޓީއެއް ދިނުމާއި، ގަވާއިދާ ހލާފަށް ކާބޯތަކެތި އިޝްތިހާރު ކުރާ ފަރާތްތައް 5،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ހިމަނާފައިވާއިރު، ކާބޯތަކެތި ތަހުލީކު ކުރާ ލެބޯޓަރީއަކުން ދޫކުރާ ރިޕޯޓް ނުވަތަ ލިޔުމެއްގެ ބައެއް އިޝްތިހާރުގައި ބޭނުންކޮށްފި ނަމަ 10،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ބިލުގައި ހިމަނާފައިވެ އެވެ.