އަންނަ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ހިނގާލުމެއް ބާއްވަން ހަމަޖައްސައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިދިކޮޅުން ހުކުރު ދުވަހުގެ ހަވީރު "މިނިވަންކަމުގެ ހިންގާލުން"ގެ ނަމުގައި ހިނގާލުމެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށާއި އެ ހިނގާލުން ފަށާނީ ހުކުރު ދުވަހު 16:00 ގައެވެ.
ޝިޔާމް ވިދާޅުވީ އެ ހިނގާލުމަކީ ސުލްހަވެރި ހިނގާލުމެއް ކަމަށާއި ހިނގާލުން ކުރިއަށްގެންދާނީ ފުލުހުންނާވެސް ކޯޑިނޭޓްކޮށްގެން އޮންނަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މިނިވަންކަން ހޯދުމަށް އިދިކޮޅުން ހުކުރު ދުވަހު މަގުމައްޗަށް ނުކުންނަނީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ގައުމުގެ ކަންކަން ގޮސްފައިވާތީ ކަމަށެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ހަފުތާއެއް ނުވަނީސް ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ހަތް އެގްރީމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިނިވަން ކަމުގެ ދިފާއުގައި" ގެ ނަމުގައި އިދިކޮޅުން ވަނީ ގައުމީ ކެމްޕެއިނެއްވެސް ފަށައިފައެވެ. އެ ކެމްޕެއިންގެ ދަށުން އިދިކޮޅުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރާކާތްތައް ބާއްވަމުންނެވެ. އަދި ކެމްޕެއިންގެ ދަށުން އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައިވެސް އަންނަނީ ސޮއި ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު