ޚަބަރު

ދަރިވަރަކަށް ޖިންސީ ގޯނާކުރި މުވައްޒަފު ސަސްޕެންޑުކޮށްފި

ރިފާ ހަލީލު

މާލޭގެ ސްކޫލެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ އެ ސްކޫލުގެ މުވައްޒަފު ސަސްޕެންޑު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ފުލުހުން މި މައްސަލަ ބަލަމުންދާ އިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

އުމުރުން ހަތަރު އަހަރުގެ އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ކުއްޖާ ފާހާނާއަށް ދިޔަ ވަގުތު ކަމަށް "ވަން" އަށް ވަނީ އެނގިފައެވެ. އަދި އެ ކުއްޖާއާ ބެހުނީ އެ ސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ އަންހެނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި މައްސަލަ ބަލައި ނިމެންދެން ތުހުމަތުވާ މީހާ ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.