ސަން ސިޔާމް އޮޅުވެލި ފުށި ރިސޯޓު ބޭރުން ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި ކަނޑަށް ވެއްޓި ގެއްލުނު ކުއްޖާގެ މަންމަ މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، މާލެއިން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އޮޅުވެލި ރިސޯޓު ކައިރިން ނެގި ރާޅެއްގައި ޖެހި ތިން މީހަކު މޫދަށް ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ، މިއަދު 17:30 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ފެނިފައިވާ ކަމަށާއި ހަތަރު އަހަރުގެ ކުއްޖަކު އަދިވެސް ފެނިފައިނުވާ ކަމަށެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ.

ފެނުނު މީހުންގެ ތެރެއިން އެކަކީ މިހާރު ހޯދަމުންދާ ހަތަރު އަހަރުގެ ކުއްޖާގެ މަންމަ މަރިޔަމް ނާހިދާއެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނުމަށް ގެންދިޔައީ ކ. ގުރައިދޫ ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒަށް ނާހިދާ ގެންދިޔައިރު ވެސް ވަނީ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ ފިރިމީހާ "ވަން" އަށް ބުންޏެވެ.

ގެއްލުނު ކުއްޖާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެއް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެމްއެންޑީއެފުން މިހާރު ވަނީ ގެއްލުނު ކުއްޖާ ހޯދަން އާންމުންގެ އެހީއަށް އެދިފައެވެ.

އެގޮތުން ސަން ސިޔާމް އޮޅުވެލި ރިސޯޓު ބޭރުން ދަތުރުކުރާ އުޅަނދު ފަހަރުތަކާއި އެ ހިސާބުގެ ރަށްތަކުން ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށް ދިނުމަށް ވަނީ އެދިފައެވެ. އަދި ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެދޭ ކަމަށް ބުންޏެވެ.