ކުޅިވަރު

މުތައިރީ އަށް ތަފާތު ދަތުރެއް، "ޑްރާމާ"ތަކުން ނޭޕާލު ރައްޔިތުންގެ ލޯބި ހޯދި

މުޙައްމަދު ޝަމްޢޫން

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕުން ފެނުނު އެންމެ ތަފާތު އެއް ކެރެކްޓާއަކީ ނޭޕާލުގެ ކޯޗު އަބްދުﷲ އަލް މުތައިރީ އެވެ. ކުވައިތުގެ ކޯޗު މުތައިރީގެ ތަފާތު އެތައް މަންޒަރުތަކެއް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފެނުނެވެ. ނޭޕާލުން ފައިނަލުގައި އިންޑިއާ އަތުން ބަލިވެ ތަށީގެ އުފަލުން މަހުރޫމުވި ނަމަވެސް މިއީ މުތައިރީއަށް ދަށް ނަތީޖާއަކަށް ނުވާނެއެވެ. މުބާރާތާ ހަމައަށް އޭނާ އައީވެސް "ޑްރާމާ"ތަކެއްގެ ތެރެއިންނެވެ. ފެޑަރޭޝަނާ ކުނިތަކެއް ޖެހި، ޖުލައި މަހުގެ ތެރޭގައި ކުއްލި ގޮތަކަށް، އެންމެން ހައިރާން ކޮށްލާފައި އިސްތއުފާވެސް ދިނެވެ.

އަނެއްކާ ފަހުން އެކަން ކުރެވުނު ގޮތަށް މައާފަށް އެދި އަލުން ޓީމާ ހަވާލު ވިއެވެ. އޭރުން ފެށިގެންވެސް މުތައިރީއަކީ ނޭޕާލު މީޑިއާއާ ހަނގުރާމަ ކުރަމުން އައި ކޯޗެކެވެ.

ދެން އައީ މި މުބާރާތެވެ. މުބާރާތުގެ ފުރަތަމަ މެޗަށް މުތައިރީ ނުކުންނަން ޖެހުނީ ހަޔާތުގެ އެންމެ ބޮޑު ހިތާމައިގައި ހުރެއެވެ. ރާއްޖެއާ ދެކޮޅަށް ނޭޕާލް ކުޅުނު މެޗުގެ ކުރިން، މުތައިރީ ރާއްޖޭގައި ހުއްޓާ އޭނާގެ ބޮޑުބޭބެ މަރުވިއެވެ. އެ ހިތާމައިގައި ރާއްޖޭގެ މެޗަށް ނުކުމެ، ނޭޕާލުން ހޯދި މޮޅާއެކު މުތައިރީ އެ މޮޅު ހާއްސަކުރީ މަރުވި ބޮޑުބޭބެއަށެވެ. ދެން ފާހަގަކުރެވުނު އަނެއް ކަމަކީ ނޭޕާލުގެ މީޑިއާތަކާ އޭނާ ޖެހޭ ޖެހުމެވެ. އެންމެފަހުން ނޭޕާލުން ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށްފަހުވެސް މުތައިރީގެ ރުޅިގަނޑު ނޭޕާލް މީޑިއާ އަށް ބާލައިލިއެވެ.

"މެޗު ދޫކޮށްލީ ކަމަށް ބުނެ ލިޔުމުން އުފާވެފަތޯ އަހާލަން ބޭނުން. އަހަރެންގެ ދަރިފުޅުވެސް އެކަމާ ސުވާލުކުރި. ދެން އަހަރެން ބުނަން އޮތީ އެއީ ގިނައިން ނޫސް ކިޔާނެ މީހުން ހޯދަން ޖައްސާ ސްޓަންޓޭ. އެއީ ފައިސާ ހޯދަން ބޭނުންކުރާ އުކުޅުތަކެކޭ. އަހަންނަކީ އަޅެއް ނޫން. އަހަންނަކީ ކޯޗު. އެވާހަކަ ބުނެލަން ބޭނުން،" މުބާރާތަށްފަހު ނޭޕާލް ޓީމު ދޫކޮށްލާނެ ކަމަށް މާކުރިން އިއުލާނު ކުރި މުތައިރީ ބުނެފައިވެއެވެ.

"(އިންޑިއާ މެޗުން ބަލިވުމުން) މިދިޔަ ދެތިން ދުވަހުގައި އެންމެން އަހަރެންގެ އަބުރަށް އަރައިގަނެ، އަހަންނޭ ކިޔައިގެން ދެއްކީ މުޅިން ގޯސް ވާހަކަތަކެއް. އަހަރެމެން ތަމްރީނުތައް އޮތީ ތިނެއް ޖެހިއިރު، އެހެންވެ އަހަންނަށް ޕްރެސްއަށް ނާދެވުނީ. އެކަމަކު އެކަމާވެސް ކޮންމެވެސް މީޑިއާއަކުން އަހަންނަށް ޖޯކު ޖަހައިިފި. މިދިޔަ ތިން ދުވަހު އަހަންނަށް ރަނގަޅަކަށް ނުނިދޭ. ރަނގަޅަކަށް ނުކެވޭ. އެއީ އަހަންނާ ބެހޭގޮތުން ދައްކާފަ ހުރި ވާހަކަތައް އަހަންނަށް ފެނޭ. އަބަދުވެސް ކޯޗުންނަށް އިހުތިރާމު ކުރަން ޖެހޭނެ. ކޯޗުންނަކީވެސް އިންސާނުން. އާއިލާއެެއް އޮންނާނެ. ދަރިންވެސް ތިބޭނެ،" މުތައިރީ ނޭޕާލް މީޑިއާތަކަށް ބުނެފައިވެއެވެ.

އެއީ މުތައިރީގެ ޑްރާމާތަކެވެ. ދެ ރީނދޫ ކާޑާއެކު ފައިނަލް މެޗަށް އޭނާއަށް ބެންޗަށް ނުދެވި އަދަބުގައި ހުރިއިރު، އެކަމާވެސް އޭނާ ވަނީ ސާފާ ދެކޮޅަށް ނުކުންނާނެ ކަމަށް ބުނެފައެވެ. މުތައިރީ ބުނީ އެއީ އުސޫލުން ބޭރުން އެޅި ފިޔަވަޅެއް ކަމަށާއި، އޭއެފްސީ ކަޕާއި ފީފާއަށްވެސް ދާނެ ކަމަށެވެ.

ނޭޕާލް ރައްޔިތުން ހިތްތައް ހޯދި ކޯޗެއް

ހަމަ ޔަގީނުންވެސް މުތައިރީގެ ފަރާތުން އެނގި ޔަގީންވާ ކަމެއް އެބައޮތެވެ. އޭނާ ފުޓުބޯޅައަށް އިންތިހާއަށް ލޯބިކުރާ ކަމެވެ. އޭނާގެ ހިތުގައި ނޭޕާލް ޓީމަށް އިންތިހާއަށް ލޯބި އޮތްކަމެވެ. ނޭޕާލު މޮޅުވިޔަސް، ބަލިވިޔަސް އެންމެ އަސަރާއެކު ފެންނަނީ ހަމަ މުތައިރީއެވެ. ބަންގުލަދޭޝް ކައިރިން އެއްވަރުކޮށް ނޭޕާލް ފައިނަލް ޔަގީން ކުރި މެޗުގައިވެސް އަންޖަން ބިސްތާއާއެކު އުފާފާޅުކުރަން ދަނޑު މައްޗަށް އަރައިގެން އެންމެ ބާރަށް ގޮސް، ހުރިހާ ކުޅުންތެރިން ގައިގައި ބައްދައިގަތީ ހަމަ މުތައިރީއެވެ.

ނޭޕާލުގެ ފުޓުބޯޅައަށް އޮތް ލޯބީގެ ތެރެއިން މުތައިރީ ނޭޕާލް ރައްޔިތުންގެ ލޯބި ހޯދައިފިއެވެ. އޭނާގެ ލަނޑުދަނޑިތައްވެސް ހާސިލު ކޮށްފި އެވެ.

"އަހަރެން ކޯޗު ކަމަށް އައިސް ބުނީ ތިން ކަމެއްގެ ވާހަކަ. ސާފް ޗެމްޕިއަންޝިޕްގައި ތާރީހު ލިޔެލަން. އަދި އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ފައިނަލް ބުރަށް ޓީމު ގެންދަން. އޭގެ އިތުރުން ނޭޕާލު ފަހުރުވެރިވާ ފަދަ ޓީމެއް ބިނާކުރަން. އެކަން ވެއްޖެއް ނޫންތޯ. މިއަދު މުޅި ސާފު އަހަރެމެންގެ ޓީމަށް ފަހުރުވެރިވާނެ. ފައިނަލަކީ އަހަރެން ގައުމީ ކޯޗުކަމުގައި ހުންނަ ފަހު މެޗު. އެއީ ނޫސްވެރިން އަހަރެންގެ ނަމަށް ހުތުރު އެރުވުމުން،" ބަންގުލަދޭޝް މެޗަށްފަހު މުތައިރީ ބުނެފައިވެއެވެ.

ނޭޕާލުގެ ފުޓުބޯޅައަށް މުތައިރީ ގެނައި ހެޔޮ ބަދަލާއެކު އެޓޭކިން ފުޓުބޯޅައަކަށް ލޯބި ކުރާ އެތައް ބަޔަކު އަންނަނީ ކޯޗަށް ތައުރީފު ކުރަމުންނެވެ. ހާއްސަކޮށް ތާރީހުގައި ފުރަތަމަ ސާފް ފައިނަލަށް ނޭޕާލް ނުކުތް އިރު، އެއީ މުތައިރީއަށް ރައްޔިތުން ދިން އެންމެ ބޮޑު އިހުތިރާމެވެ. ބަލިވިޔަސް އެ ކަމުގައި ނޭޕާލަށް އޮތީ ފަހުރުވެރި އުފާވެރިކަމެކެވެ. ފައިނަލަކީ އެ ގައުމުގެ ފުޓުބޯޅައިގައި ލިޔެވިގެން ދިޔަ އާ ތާރީހެކެވެ.

ދަނޑުމަތިން އެކަންޏެއް ނޫނެވެ. ދަނޑު ބޭރުންވެސް މުތައިރީ ހާއްސައެވެ. ގައުމުގެ ފުޓުބޯޅަ ހާލަތު ބަދަލުކުރަން މުތައިރީ ދައްކަމުން އަންނަ ބައެއް ވާހަކަތަކެއް މީޑިއާގެ ނެގެޓިވިޓީ އަމާޒުވިޔަސް، އެގައުމުގެ ޔަތީމު ހާނާއަކަށް ފުޓުބޯޅަ ބޫޓު ފޮނުވުމާއި، ނިކަމެތި ބައެއް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ދިނުމަކީ މުތައިރީއަށް ރައްޔިތުން ލޯބި ދިން ސަބަބެވެ. ހާއްސަކޮށް އޭނާގެ ހިތްތިރި ދިރިއުޅުމަކީވެސް މުތައިރީއަށް ނޭޕާލުން ލޯބިދިން ކަމެކެވެ. ޕްރެކްޓިސްތަކަށް ގޮސް، ބައްދަލުވުންތަކަށް ދަނީވެސް ބައިސްކަލުގައެވެ. ހެދުން އެޅުމުގައިވެސް ގެންގުޅެނީ އާދައިގެ ގޮތްތަކެކެވެ. އެއީ މުތައިރީއެވެ. ނޭޕާލުގެ ފުޓުބޯޅައާ އޭނާ އަލްވަދާއު ކިޔަން ތައްޔާރުވެ އެކަން އިއުލާން ކޮށްފައިވާއިރު، ނޭޕާލުގެ ފުޓުބޯޅަ ތާރީހުގައި މުތައިރީގެ ނަން ހާއްސައެވެ.