އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ ބުރާސްފަތި ދުވަހު އދ. ދަނގެތިން ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

"ވަން" އާ ވާހަކަ ދެއްކި މައުލޫމާތު އެނގޭ މީހަކު ބުނީ ހައްޔަރުކުރި ބިދޭސީ މީހާއަކީ މިއަދު ފުލުހުން ބަލައި ފާސްކުރި އެރަށު ނެދެންގޭގައި އުޅޭ މީހެއް ކަމަށާއި އޭނާއަކީ އެގޭގައި އުޅޭ މުސްކުޅި މީހަކު ބަލަހައްޓަން ހުންނަ މީހެއް ކަމަށެވެ. އެ ގޭގައި ދިރިއުޅެނީ މުސްކުޅި ފިރިހެން މީހާއާއި ބިދޭސީ މީހާ އެކަނި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަދި ބިދޭސީ މީހާ އުޅޭ ގެއިން މަރާ ގުޅުންހުރި އެއްޗެއް ފެނުނު ކަމަށާއި އޭތި މިހާރު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށްވެސް "ވަން" އަށް މައުލޫމާތު ދިން މީހާ ބުންޏެވެ. ނަމަވެސް ގެންދިޔައީ ކޯއްޗެއް ކަމެއް ނޭނގޭ ކަމަށާއި އެ ބިދޭސީ މީހާއާ ހަވާލުވެގެން ހުންނަ މުސްކުޅި މީހާގެ ކޮއްކޮވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާގެ ހާޒިރުގައި އެ ގެ އިތުރަށް ބަލައި ފާސްކުރަމުންދާ ކަމަށް ބުންޏެވެ.

"ވަން" އަށް މައުލޫމާތު ދިން މީހާ ބުނީ، މަހުމޫދު ގެއްލުނު ރޭ، ނެދުންގޭ ކައިރިން މީހަކު ދަނިކޮށް ހަޅޭކުގެ އަޑު އިވުނު ކަމަށެވެ. އެ އަޑު އިވުމުން އެގޭގައި އުޅޭ މުސްކުޅި މީހާއަށް ބިދޭސި މީހާ އަނިޔާ ކުރި ކަމަށް ހީވެގެން ފާރު މަތިން ބޯދިއްކޮށްލައި ބަލާލި ކަމަށާއި އޭރު އެއްޗެއް ދަމާފައި ގެންދިޔަ އަޑު އިވުނު ކަމަށް ބުންޏެވެ. ނަމަވެސް އެ ގޯތިތެރެ އަނދިރި ކަމުން އެއްޗެއް ސާފުކޮށް ފެންނަވަރު ނުވި ކަމަށް ޝައްކު ކުރެވޭ އަޑު އިވުނު މީހާއާ ހަވާލާދީ "ވަން" އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

"މި އަޑު އިވުމުން މުސްކުޅި މީހާއަށް ކަމެއްވީ ކަމަށް ބަލައި އެ މީހާގެ އާއިލާ މީހަކަށް އެކަން އެންގީ. ދެން އާއިލާ މީހާ ގޮސް މުސްކުޅި މީހާގެ ގޭގެ ދޮރާށީގައި ޓަކި ޖެހީމަ ހުޅުވީވެސް މުސްކުޅި މީހާ ކަމަށް ވަނީ. އެމީހާ ގާތު އަނިޔާއެއް ކުރިތޯ އެހީމަ ބުނީ ނޫނެކޭ. ދެން ކޮން އަޑެއްހޭ އިވުނީމަ ބުނީ އެ ބޭރު މީހާ ބުޅަލެއް މަރާލި ކަމަށް ބުނީ. ދެން އޭރު މީހަކު ގެއްލިގެން އުޅޭ ކަމެއްވެސް އެއްވެސް ބަޔަކަށް ނޭނގޭ ވިއްޔާ. އެފަދަ ޝައްކެއް ނުވެސް ކުރާނެ އެއްނު،" "ވަން" އަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނު ފަހުން ބިދޭސީ މީހާއާއި މުސްކުޅި މީހާ އުޅޭ ގެއިން އަޑުތަކެއް އިވުނު ވާހަކަ ރަށުތެރޭގައި ތުންތުން މަތިން ދެކެވުނު ކަމަށްވެސް އެ މީހާ ބުންޏެވެ. ނަމަވެސް ނަދުންގެ ބަލައި ފާސްކޮށް ބިދޭސީ މީހާއާ ސުވާލުކުރުމަށް ފުލުހުން އޭނާ ގެންދިޔަ ހިސާބުން ރަށު ތެރޭގައި ދައްކަމުންދިޔަ ވާހަކަ މުޅިން ބަދަލުވެފައިވާ ކަމަށްވެއެވެ.

ނަމަވެސް މީހަކު މަރާލުމަކީ ބިދޭސީ މީހާއަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ މީހާ އެރަށުގައި އުޅޭތާ ދެ އަހަރުވީ އިރުވެސް އެ މީހާގެ ފަރާތުން އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާކަން އެރަށުން ވާހަކަ ދެއްކި މީހުން ވަނީ ބުނެފައެވެ.

"ޝައްކު ކޮށްގެން ފުލުހުންނާ ހަވާލުކުރި ދެ މީހުން ރޮއެފަ އެބަ ބުނޭ ނުކުރަމޭ. ވައްކަންކޮށް އެހެނިހެން ކުދި ކުށްތަކަށް އެރިޔަސް ތިކަހަލަ ކަމެއް ނުކުރަމޭ އަދި ދުވަހަކުވެސް ނުކުރާނަމޭ އެ މީހުން އެބަ ބުނޭ. އެކަމަކު އެއީ ތެދެއް ކަމެއް ދޮގެއް ކަމަށް ބުނަން ނޭނގެ," ދަނގެތިން "ވަން" އާ ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.