ލައިފް ސްޓައިލް

ދުނިޔޭގައި މިވަގުތު ހުރި އެންމެ ދިގު އަންހެނާގެ ރެކޯޑު ތުރުކީގެ 24 އަހަރުގެ އަންހެނަކަށް

ދުނިޔޭގައި މިވަގުތު ހުރި އެންމެ ދިގު އަންހެން މީހާގެ ރެކޯޑު ތުރުކީގެ 24 އަހަރުގެ އަންހެނަކު ހޯދައިފިއެވެ.

ތުރުކީގައި ދިރިއުޅެމުން އަންނަ 24 އަހަރުގެ ރުމޭސާ ގެލްޖީގެ އިސްކޮޅުގައި 7 ފޫޓު 0.7 އިންޗި ހުރިއިރު އޭނާގެ ނަން ވަނީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ދިގު އަންހަން މީހާގެ ގޮތުގައި ގީނިސް ވޯލްޑު ރެކޯޑު ފޮތަށް އަރައިފައެވެ.

ރުމޭސާގެ އިސްކޮޅު އާދަޔާ ހިލާފަށް ދިގުވެފައިވަނީ ވީވާ ސިންޑްރޯމް ކިޔާ ބައްޔެއްގެ ސަބަބުންނެވެ. އޭނާއަށް މީގެ ކުރިން އުމުރުން 18 އަހަރުގައި ވަނީ 2014 ވަނަ އަހަރު ދުނިޔޭގައި ހުރި އެންމެ ދިގު ފުރާވަރު އަންހެން ކުއްޖާގެ ރެކޯޑުވެސް ލިބިފައެވެ. މިއަހަރު އެންމެ ދިގު އަންހެން މީހާގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން އޭނާގެ އިސްކޮޅު ވަނީ އަލުން މިން އަޅައި ބަލައިފައެވެ.

ރުމޭސާ އަށް ދިމާވެފައިވާ ބަލީގެ ސަބަބުން އިސްކޮޅު ދިގުވަމުންދާތީ އޭނާއަށް ހިނގާބިނގާވެ އުޅެން އުނދަގޫވެ އޭނާ އަންނަނީ ފުރޮޅުލީ ގޮނޑި ބޭނުން ކުރަމުންނެވެ.

ގީނިސް ވޯލްޑް ރެކޯޑަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ގިނަ ބަޔަކު އޭނާގެ އިސްކޮޅުގައި އަޅައިގަންނަ ކަމަށާއި ވަރަށް ގިނަ ބަޔަކު އޭނާއަށް އޯގާތެރިކަން ފާޅުކުރާ ކަމަށެވެ. ރުމޭސާ އޭނާގެ ހުސްވަގުތުގައި އާއިލާއާއެކު ބޭރަށް ކާންގޮސް ހަދަން ލޯބިކުރެއެވެ. އޭގެ އިތުރުން ފަތަން ލޯބިކުރާ ކަމަށާއި ފެތުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ފަސޭހަވާ ކަމުގައި ރުމޭސާ ވަނީ ފާހަގަކޮށްފައެވެ. ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ކަށަވަރުވެފައިވާތީ ރުމޭސާ އަށް ޓަކައި އާއިލާ ތިބީ އުފަލުންނެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ ދިގު ފިރިހެން މީހާގެ ރެކޯޑުވެސް އޮތީ ތުރުކީ ފިރިހެނެއްގެ އަތުގައެވެ. ތުރުކީގައި ދިރިއުޅެމުން އަންނަ ސުލްތާން ކޯސެންގެ އިސްކޮޅުގައި 8 ފޫޓު 2.8 އިންޗި ހުންނައިރު، އެންމެ ދިގު މީހުންގެ ގޮތުގައި އެއް ގައުމެއްގެ ދެމީހަކު ވެގެން ދިއުން އެއީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމުގައި ގީނިސް ވޯލްޑް ރެކޯޑްސް އިން ބުނެއެވެ.