ޚަބަރު

ފުޑް ސެކިއުރިޓީ ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި

އަލީ ޔާމިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ތ. ކަނޑޫދޫގައި ފައްޓަވައިދެއްވައިފިއެވެ.

ފުޑް ސެކިއުރިޓީ ޕްރޮގްރާމް ފައްޓަވައިދެއްވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ސޯލިހު ކަނޑޫދުއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ފުޑް ސެކިއުރިޓީ ޕްރޮގްރާމް އިފްތިތާހު ކުރެއްވުމުގެ ގޮތުން ރައީސް ވަނީ ކަނޑޫދޫގެ ތިން ދަނޑުވެރިއަކަށް ގަސް ހަވާލުކޮށްދެއްވައިފައެވެ. އަދި ތިމާވެއްޓާ ރައްޓެހި އޯގަނިކް ގަސްކާނާ އާއި ބޭހުގެ ޕެކޭޖްވެސް ރައީސް ވަނީ ކަނޑޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ހަވާލުކޮށްދެއްވައިފައެވެ. މިއީ ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމުގެ ގޮތުން ކެމިކަލްގެ ބަދަލުގައި އެހެން ބާވަތްތައް ކަނޑޫދުއަށް ތައާރަފުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފައްޓަވައިދެއްވުމަށްފަހު ރައީސް ވަނީ ފާޓިގޭޝަން ސިސްޓަމްވެސް އިފްތިތާހު ކޮށްދެއްވައިފައެވެ. އޭގެ ފަހުން ރައީސް ވަނީ ކަނޑޫދޫގެ މިރުސް ދަނޑަކަށް ޒިޔާރަތްކުރައްވައި ދަނޑުތައް ބައްލަވާލައްވައިފައެވެ.

މީގެ އިތުރުން ރައީސް ވަނީ އެރަށުގެ ކާބޯތަކެތީގެ މައުރަޒުވެސް ހުޅުވައިދެއްވައިފައެވެ، މި ރަސްމިއްޔާތުގައި އެގްރޯނެޓުން ތައްޔާރުކޮށްފައިވާ ދަނޑުވެރިކަމާ ގުޅޭ އަތްމަތީފޮތެއްވެސް ރައީސް ވަނީ ނެރެދެއްވައިފައެވެ.

ކަނޑޫދޫ ކައުންސިލުން އިސްނަގައިގެން މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށްގެންދާ ކާބޯތަކެތީގެ މައުރަޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމަށާއި އެއްތަނަކުން ފެންނަގޮތް ހެދުމާއި ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ދައްކާލުމުގެ ގޮތުން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ތ. އަތޮޅުގެ ހަތަރު ރަށެއްގެ ސްޓޯލްތަކާއި އެގްރޯނެޓާއި ކަނޑޫދޫގެ ދެ ސްޓޯލެއްވެސް ހިމެނެއެވެ.

ރައީސް ކަނޑޫދުއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި މިރޭ އެރަށުގައި ބާއްވާ ކާބޯތަކެތީގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޖަލްސާއަށްފަހު އެރަށުގެ ރައްޔިތުން ރައްޔިތުންގެ ފަރާތުން ރައީސަށް ދެއްވާ ޖާފަތެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.