މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ތައްޔާރުކުރަން ނިންމައިފިއެވެ.
ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ތައްޔާރުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައިވަނީ ވީޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި މަޝްހޫރު ފިލްމީ ތަރި އަދި ޖުމްހޫރީ ޕާޓީގެ އޯޑިއޯ/ވީޑިއޯ ސްކޮޑްގެ ކޯ ޗެއާ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.
ކޮޕީ އިއްސެ ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި ގާސިމްގެ ހަޔާތްޕުޅާ ގުޅޭ ފިލްމުގެ މަަސައްކަތް ކުރިއަށް ގެންގޮސް ވަރަށް ފެންވަރު ރަނގަޅު އުފެއްދުމެއް އާންމުންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގާސިމްގެ ހަޔާތްޕުޅަކީ އިބުރަތުން ފުރިފައިވި ދިރިއުޅުމެއް ކަމަށާއި އެއީ ދައުލަތުގެ އަރުޝީފުގައި ރައްކާކުރަން ޖެހޭ މައުލޫމާތުތަކެއް ކަމަށެވެ. އެގޮތުން ގާސިމްގެ ހިދުމަތަކީ ދައުލަތުގެ ވެރިންނާއި މުޅި ދިވެހި ރައްޔިތުންވެސް ހެކިވާނެ ހިދުމަތެއް ކަމަށެވެ. އެހެންކަމުން އެއީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ވިޔަފާރީގައި ކާމިޔާބު ހޯއްދަވައި، މިހާރު ހުންނެވި ހިސާބަށް ވަޑައިގެންނެވީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކަމަށެވެ. އެހެންވެ އެކަންކަން ފިލްމުގައި ވަރަށް ރަނގަޅަށް ގެނެސްދޭން މަސައްކަތް ކުރާނެ ކަމަށް އިއްސެ ވިދާޅުވިއެވެ.
އިއްސެ ވިދާޅުވީ އެ ފިލްމަކީ އިންޓަނޭޝަނަލް ފެންވަރުގެ ފިލްމަކަށް ހަދާނެ ކަމަށެވެ. ފިލްމާ ގުޅޭ މާގިނަ ތަފުސީލުތަކެއް އޭނާ ހާމަކޮށްފައެއްނުވެއެވެ. އިތުރު މައުލޫމާތުތައް ފަހުން ހިއްސާ ކުރާނެ ކަމަށް އިއްސެ ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު